މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރު އެމްޑީޕީ އަށް ނާކާމިޔާބުވުމުގައި ކުރިމަތިވި އެންމެ ބޮޑު ނުފޫޒަކީ އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގު ވާހަކަތައް ކަމުގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ އިންތިހާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގާއި ވަހުމް ކަމަށެވެ.

އަދި ނިމިގެން ދިޔަ އިންތިހާބުގައި ވެސް ފެނުނު އެންމެ ބޮޑު ނުފޫޒަކީ އެއީ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުންނާއި ސިޔާސީ ބޭފުޅުން ދޮގުތައް ފެތުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އެއީ އިންތިހާބެއްގެ ތެރޭގައި އުފެއްދޭނެ އެންމެ ބޮޑު ނުފޫޒު." ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ރާއްޖޭގައި ފަތުރަމުންދިޔަ ދޮގު ވާހަކަތަކުގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރާފައިވާ ކަމަށް އިންތިހާބު މޮނިޓާ ކުރުމަށް އައި ބޭރުގެ އޮބްޒާވަރުންވެސް ވިދާޅުވެފައިވާކަމަށާއި އެކަން ރައީސް ސޯލިހް ވެސް ފާހަގަ ކުރެއްވި ކަމަށެވެ.