އެފްއެސްއެމް އިން ލިޔެކިޔުންތަކެއް ނައްތާލަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށް ގައުމީ އަރުޝީފުގެ ޑިރެކްޓަރު މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ވިދާޅުވެއްޖެ އެވެ.

ކޮންކްރީޓް މެޝިނަކަށް ލައި އެފްްއެސްއެމްގެ ލިޔެކިޔުންތައް ނައްތާލާ ވީޑިއޯއެއް މިހަފުތާގެ ތެރޭގައި ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ލިޔެކިޔުން ނައްތާލާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މުވައްޒަފު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ގައުމީ އަރުޝީފުގެ ޑިރެކްޓަރު ފަރެސް އާމިރު ވިދާޅުވީ ލިޔެކިޔުންތައް ނައްތާލީ އެ އިދާރާ އާއި މަޝްވަރާ ކުރުމަށްފަހު ނޫން ކަމަށެވެ. އެހެންވެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާ މަޝްވަރާ ކުރެއްވުމަށްފަހު އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއެސްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުހިއްމު އެއްވެސް ލިޔެކިޔުމެއް ނައްތާނުލާ ކަމަށާއި ނައްތާލީ ގިނަދުވަސްވެފައި ހުންނަ، ކުންފުންޏަށް އިތުރަށް ބޭނުންނުވާ ބައެއް ލިޔެކިޔުންތައް ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތައިލި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފަ އެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެފަދަ ލިޔެކިޔުންތައް ބަދަލުކުރުމާއި، ނައްތައިލުން އަދި ފޮރުވުން ފަދަ ކަންކަމަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމަކަށް ވާތީ އެފަދަ ކަންކަން ހުއްޓާލުމަށް އަންގާ ކަމަށެވެ.