ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމުގެ ގޮތުން ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ފިލްމު ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.
"އިންސާނިއްޔަތަށްޓަކައި" ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ހިމެނޭ ފިލްމު ފެސްޓިވަލު މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ. މި ފެސްޓިވަލުގައި ކުރީގެ މަޝްހޫރު ދިވެހި ފިލްމުތައް ދައްކަން ވަނީ ނިންމައިފަ އެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ކުރިއަށް ގެންދާ މި ފިލްމު ފެސްޓިވަލުގައި އަށް ފިލްމެއް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ފިލްމުތައް
- ފަތިސްހަނދުވަރު
- ޔޫސުފް
- ދިލަކަނި
- ހެހެސް
- އަމާނާތް
- އިނގިލި
- އުދަބާނީ
- ބަވަތި
- ވާށޭ މަށާ އެކީ
ކޮންމެ ފިލްމަކަށް ވެސް ޓިކެޓް ވިއްކަނީ 100 ރުފިޔާ އަށެވެ.
މި ފެސްޓިވަލުގައި ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ، ފަލަސްތީނަށް އެހީ ފޮނުވުމަށް ރާއްޖެއިން ހުޅުވާލާފައިވާ ފަންޑަށް ޖަމާކުރަން އެމްއެފްއޭ އިން ވަނީ ނިންމައިފަ އެވެ.
އެމްއެފްއޭގެ އިތުރުން ބައިސްކޯފުން އިސްނަގައިގެން ޝުވެކް ސިނަމާގައި ވެސް ފިލްމު ފެސްޓިވަލެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފަ އެވެ. ޝުވެކް ސިނަމާގައި ހަތަރު ފިލްމެއް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ފިލްމުތައް ދައްކައިގެން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީން ފަންޑަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.
ހުޅުމާލޭ ޝްވެކް ސިނަމާގައި:
ރޭގަނޑު 20:30 - ފިލްމު ވިޝްކާ
ރޭގަނޑު 23:30 - ފިލްމު ނިވައިރޯޅި
މާލޭ ޝްވެކް ސިނަމާގައި:
ރޭގަނޑު 20:30 - ފިލްމު މާމުއި
ރޭގަނޑު 23:30 - ފިލްމު ބޮސް
ކޮންމެ ފިލްމެއްގެ ޓިކެޓުގެ އަގަކީ 100 ރުފިޔާ އެވެ. އަދި ޓިކެޓު ބުކްކުރުމަށް 9758808 އަށް ގުޅައިގެން ވަގުތުން ބުކްކުރެވޭނެ އެވެ.
މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް މޯލްޑިވްސް ރެޑް ކްރެސެންޓަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށް ބައިސްކޯފުން ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް ފަލަސްތީނަށް އެހީވުމުގެ ގޮތުން އަންނަ މަހުގެ 2 ވަނަ ދުވަހު އޮލިމްޕަހުގައި "ފަލަސްތީނާ އެކު ފަންނާނުން" ގެ ނަމުގައި ހަރަކާތެއް އޮންނާނެކަމަށް ބައިސްކޯފުން ބުނެ އެވެ. މި ހަރަކާތް ބަލާލުމަށް ފީއެއްގެ ގޮތުގައި 150 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
"އިންސާނިއްޔަތަށްޓަކައި"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތުގެ ތެރެއިން މިއަދު ވަނީ ކުޑަކުދިންގެ ހަވީރަކާއި ޖަމްބަލް ސޭލަކާ އެކު އާޓިފިޝަލް ބީޗުގައި ވެސް ފަންޑްރެއިޒިން އިވެންޓެއް ބާއްވައިފަ އެވެ.
ފަންޑްރެއިޒް ކުރުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ސާފުކުރުމުގެ ހަރަކާތަކާއި މަސް ރޭހެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.