ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖެހުމަށް މީސްމީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި ހަސަން ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް ދިނީ، އޭނާ ހައްޔަރުކޮށް ފުރަތަމަ ޖެހި 15 ދުވަހުގެ މުއްދަތު ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަން ފުލުހުންގެ އިދާރާއިން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ޒިހާން ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ހިތްވަރުދީ މީސްމީޑިއާގައި ޕޯސްޓެއް ކުރި މައްސަލައިގަ އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ފުވައްމުލަކުން އޮކްޓޯބަރު 20 ގަ އެވެ.

އޭނާގެ ފޭސްބުކް އެކައުންޓުން އިނގިރޭސި ބަހުން ކުރި އެ ޕޯސްޓުގައި، ސުޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މަޖިލިސް އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ވަނީ ސުވާލުކޮށްފަ އެވެ. އަދި އެ ތަންތަނުގައި ރޯކޮށްލައިފިނަމަ މަޖާވާނެ ކަމަށް ވެސް އޭނާގެ ސްޓޭޓަސްގައި ލިޔެފައިވެ އެވެ.

އެ ޕޯސްޓު ޖެހިތާ ގަޑިއިރެއްހައި އިރުގެ ތެރޭގައި އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލައިފަ އެވެ. ނަމަވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބަލައި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ޒިހާންއަކީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމެރިކާގެ ނޭވަލް އެކަޑަމީން ތަޢުލީމު ޙާޞިލުކުރެއްވި ޒިހާން ސިފައިންގެ ހިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު އެވެ.