ހއ. އަތޮޅުގައި ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.
އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައި ހިނގި މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއްވި މީހާ ނިޔާވެފައިވާ ކަމަށް އިހަވަންދޫ ފުލުހުން ބުނެ އެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ ދޯނީގެ ކެޕްޓަން އަބްދުއްރަޝީދު މުޙައްމަދު 68، އެވެ.
އިހަވަންދޫ ސިއްޙީ މަރުކަޒުން ބުނީ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވެގެން އޭނާ އެ މަރުކަޒަށް ގެނެސްފައި ވަނީ މިރޭ 7:30 ހާއިރު ކަމަށެވެ. އަދި އޭނާ އަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައި ވަނީ މިރޭ 8:15 ހާއިރު ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.
މިހާދިސާގައި އަނިޔާވި އިތުރު 3 ދިވެއްސަކަށް މިވަގުތު ވެސް ފަރުވާދެމުންދާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ހެލްތް ސެންޓަރުން ބުނެ އެވެ.
އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ދެ މީހުންނެވެ. އަދި ލޯންޗުގައި ތިބީ ހަތަރު މީހުނެވެ. މި ހާދިސާގައި ލޯންޗަށާއި ދޯންޏަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ. މި ހާދިސާގައި އެކްސިޑެންޓްވި ލޯންޗަކީ ހދ. ނެއްލައިދޫއަށް ނިސްބަތްވާ ލޯންޗެއް ކަމަށާއި އެއީ ސޫފިލަނޑާ ނަގަން އާންމުކޮށް ބޭނުންކުރާ ލޯންޗެއް ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެ އެވެ. އަދި ދޯންޏަކީ ހިބަރު މަސްވެރިކަން ކުރާ ދޯންޏެކެވެ.