ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މާދަމާއަށް ޖަލްސާއެއް ތާވަލްކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން އެދިއްޖެ އެވެ.
އެމްޑީޕީން މަޖިލީހުގައި އެދިފައިވަނީ އެމްޑީޕީގެ 49 މެންބަރުންގެ ތާއީދާއެކު މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވައިދިނުމަށެވެ.އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ދަނީ މަޖިލިސް އިދާރާގައި އަޑު އުފުލަމުންނެވެ. އެގޮތުން މެންބަރުންގެ އިތުބާރު ގެއްލުމުން އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުންކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ބުނެފައެވެ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިން ތާވަލުކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ދުވަހުގެ ޖަލްސާއަށް ސަލާމް ފޮނުއްވަވާފައިވާތީ އެ ޖަލްސާތައް ވަނީ ކެންސަލްކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.
އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.
މަޖިލީސް އިދާރާއިން މަޖިލީހުގެ ގަވާދު މާނަކުރަނީ ނުބައިކޮށް ކަމަށާއި، އެހެން ކަމުން މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން މަޖިލީސް ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އަދި މިމައްސަލާގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.