ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓެލަށް ނުދައްކާ އޮތް 32،426 އެމެރިކާ ޑޮލަރު (500,008ރ.) އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ބީހައިވްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކުންފުނިން ނޮވެމްބަރު 16، 2022 ގައި އެފްއޭއެމް އަށް ދިން 32،426 ޑޮލަރު އަނބުރާ ދެއްކުމަށް އެފްއޭއެމް އިން ދިން ޗެކު، އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން އަނބުރާ ރައްދު ކުރުމުންނެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އެފްއޭއެމުން ބުނެފައި ވަނީ އެ ފައިސާ ދެއްކިފައި ނުވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށްވުމުގެ ސަބަބުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ އަހަމައަށް ލިބިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ އެފްއޭއެމަށް މިހާރު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށްވާތީ، އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްދިނުމަށް ވެސް އެފްއޭމުން ވަނީ އެދިފަ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމް އިން ފައިސާ ދައްކާފައި ނުވާކަން ދެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.

އެހެންވެ، ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމްކުރީ 32،426 ޑޮލަރު، އެއް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީހައިވް އަށް ދައްކައި އެ ދަރަނި ހަލާސް ކުރުމަށެވެ.

އެފްއޭއެމްގައި ހިންގާފައިވާ ހިޔާނާތާ ގުޅުން ހުރި ޖިނާއީ މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމަށް ދޭ ފައިސާ އެ އިދާރާގެ ބައެއް ވެރިން ނަހަމަގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތުގައި، އެފްއޭއެމް ހައުސް ވެސް ވަނީ ހުސްވި މަހު ފާސް ކޮށްފަ އެވެ.

އެ އިދާރާގެ ދަރަނި ބޮޑުވެފައިވާއިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވެސް މުސާރަ ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް އެފްއޭއެމް އިން އަންނަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.