މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. އަދި ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13،000 އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ 4،000 ފްލެޓު ލިބޭ މީހުންގެ ތަފްސީލު އާންމު ކޮށްފައެވެ.

އެ އިއުލާނުގައި ބުނީ، 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުން ކުރިޔަށް ގެންދާ ހައުސިން މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.

ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ ދާއިމީ ލިސްޓުގައި 76 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ 73 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ "އަމާން އުދަރެސް" ފްލެޓްތަކަކީ މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ ތެރޭގައި ހިމެނޭ ފްލެޓުތަކެކެވެ.އެ މަސައްކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ހަދާ ހުރިހާ ފްލެޓުތައް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅާއި 2025 ގެ ފަހުކޮޅެވެ.

މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.

މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.