މި ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް، ޔޫރަޕުގެ އެކި އެއާލައިންތަކަށް އަމާޒުކޮށް ދޮގު ބޮމުގެ އިންޒާރުތަކެއް ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ ދީފަ އެވެ. އަޔަލޭންޑުން ފެށިގެން ބަލްގޭރިއާއާ ހަމައަށް ދިން މި އިންޒާރުތަކާ ގުޅިގެން، މަދުވެގެން 25 ފްލައިޓަކަށް އަސަރުކޮށްފައިވާއިރު، ބައެއް ފްލައިޓްތައް ވަނީ ކުއްލި ހާލަތުގައި ޖައްސާފަ އެވެ. އަދި ބައެއް ފްލައިޓްތައް ދަތުރުކުރިއިރު އަސްކަރީ ޖެޓްތަކުން ވަނީ ހިމާޔަތްދީފަ އެވެ.
މި އިންޒާރުތަކުގެ ޒިންމާ އެއްވެސް ގައުމަކުން އަދި އުފުލާފައި ނުވި ނަމަވެސް، ޔޫރަޕުގެ ގިނަ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި މިއީ ރަޝިއާއިން ރާވައިގެން ހިންގާ ހައިބްރިޑް ހަމަލާތަކެކެވެ. މިފަދަ ހަމަލާތަކަކީ މަދު ހަރަދަކުން ހިންގާލެވޭ، އަދި ސީދާ ރައްދު ހަމަލާއެއް ދިނުމަށް ދަތިވާނޭ ފަދަ އުކުޅުތަކެކެވެ.
ބުރާސްފަތި ދުވަހުގެ ހާދިސާތަކުގެ އަސަރުކުރި ޑެންމާކް، ޕޮލެންޑް އަދި ރޫމޭނިއާއިން މީގެ ކުރިން ވެސް ސީދާ މޮސްކޯއަށް ތުހުމަތުކޮށްފައިވެ އެވެ. އަދި އޯގަސްޓް މަހު ލައިޕްޒިގް އެއާޕޯޓަށް ދިން ހަމަލާގެ ޒިންމާ ޖަރުމަނުން ރަޝިއާގެ ބޮލުގައި އަޅުވާފައިވާއިރު، އިނގިރޭސިވިލާތުން ވަނީ އެމެރިކާގެ ވައިގެ މަރުކަޒަކަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ މައްސަލައެއްގައި އީރާނަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް، ރަޝިއާ އާއި އީރާނުން ވެސް މި ތުހުމަތުތައް ދޮގުކުރެ އެވެ.
އޭވިއޭޝަން ސެކިއުރިޓީ ގްރޫޕް 'ޑަޔާމީ' ގެ އިސްވެރިޔާ އެރިކް ޝައުޓެން ފާހަގަކުރެއްވި ގޮތުގައި، މި އިންޒާރުތަކުގެ އަސަރުކުރި ގިނަ ގައުމުތަކަކީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ރޭލު ދަތުރުފަތުރާއި، ސުޕަމާކެޓްތަކާއި، ބްލަޑް ބޭންކުތަކުގެ އިތުރުން ހަކަތައާއި އިންޓަނެޓް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެކެވެ.
ބަލްގޭރިއާގެ ވައިގެ ސިފައިން ބުނި ގޮތުގައި، އެ ގައުމުގެ އަސްކަރީ ޖެޓްތަކުން ވަނީ ތިން ފްލައިޓެއް ޖެއްސުމަށް އެހީތެރިވެފަ އެވެ. ކޯޕަންހޭގަން އާއި މެޑްރިޑުން ސޯފިއާއަށް ދަތުރުކުރި ރަޔަންއެއާގެ ދެ ފްލައިޓެއް ރޭވުނު ގޮތަށް ޖައްސާފައިވާއިރު، ލަންޑަނުން ސޯފިއާއަށް ދަތުރުކުރި ފްލައިޓެއް ވަނީ ޕްލޮވްޑިވްއަށް ބަދަލުކޮށްފަ އެވެ.
ސްޕޭނުގެ ކަމާބެހޭ ފަރާތްތަކަށް ހެނދުނު 9 ޖެހިފަހުން 20 މިނެޓުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ބޮމުގެ ތިން އިންޒާރު ލިބިފައިވެ އެވެ. މީގެ ތެރޭގައި މެޑްރިޑުން ޕެރިހަށް ފުރަން އުޅުނު އެއާ ޔޫރޯޕާގެ ދެ ފްލައިޓަކާއި، ރޯމް އަދި މިލާނުން އައި އިބީރިއާގެ ހަތަރު ފްލައިޓެއް ހިމެނެ އެވެ. މި ހާދިސާއާ ގުޅިގެން ބައެއް ބޯޓުތައް ހުއްޓުވައި، ފަސިންޖަރުން ބާލައިގެން ބޯޓުތައް ވަނީ ޗެކްކޮށްފަ އެވެ.
އިނގިރޭސިވިލާތް، އަޔަލޭންޑް އަދި ގްރީސްއިން ޕްރާގަށް ދަތުރުކުރި އީޒީޖެޓްގެ ފްލައިޓްތަކަށް ވެސް އިންޒާރު ލިބުނު ނަމަވެސް، އެ ބޯޓުތައް ވަނީ ޝެޑިއުލާ އެއްގޮތަށް ޖައްސާފަ އެވެ. ޗެކް ފުލުހުން ބުނި ގޮތުގައި އެ އިންޒާރުތަކަކީ މާބޮޑު ނުރައްކަލެއް އޮތް ކަންކަމެއް ނޫނެވެ.
މީގެ އިތުރުން، ހެލްސިންކީއިން ރޯމަށް ދަތުރުކުރި ފިންއެއާގެ ބޯޓަކަށް އިޓަލީގެ ވައިގެ ސިފައިން ވަނީ އެސްކޯޓް ކޮށްދީފަ އެވެ. އަދި ވިއެނާއަށް ޖެއްސި ފިންއެއާގެ އެހެން ފްލައިޓަކަށް ވެސް އިންޒާރު ލިބުނު ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ. އިޓަލީގެ މިލާނަށް ވެސް ދެ ފްލައިޓެއް ރައްކާތެރިކަމާއެކު ޖައްސާފައިވެ އެވެ.
ޕޮލެންޑުގެ އެލްއޯޓީ އެއާލައިންގެ ފްލައިޓެއް ބްރަސަލްސްއަށް ޖައްސާފައިވާއިރު، ޕެރިހަށް ފުރަން ތައްޔާރުވި އެހެން ފްލައިޓެއް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުއްޓުވައި، ފަސިންޖަރުން އެހެން ބޯޓަކަށް ބަދަލުކޮށްފަ އެވެ.
ސުޕަމާކެޓްތަކާއި ބްލަޑް ބޭންކުތަކަށް ސައިބާ ހަމަލާދިނުން
ރޫމޭނިއާގެ އިންޓެލިޖެންސް އެޖެންސީން ބުނި ގޮތުގައި މިލާނުން ބުކަރެސްޓަށް ދަތުރުކުރި ވިޒް އެއާގެ ފްލައިޓެއް ވަނީ ރައްކާތެރިކަމާއެކު ޖައްސާފަ އެވެ. އަދި އަޔަލޭންޑުގެ އެއާ ލިންގަސްގެ ފްލައިޓެއް ޕެރިހުގެ ހުޅަނގުން 100 ކިލޯމީޓަރު ދުރުގައި އޮންނަ އެވްރޫ އެއާޕޯޓަށް ވަނީ ޖައްސާފަ އެވެ. ޑެންމާކްގެ ކޯޕަންހޭގަން އެއާޕޯޓުގައި ދެ ބޯޓެއް ބަލައި ފާސްކުރި ނަމަވެސް އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެ އެވެ.
އޭވިއޭޝަން ސައިބާ ސެކިއުރިޓީ ކުންފުނި 'ސައިވިއޭޝަން' ގެ ސީއީއޯ އެލީރަން އަލްމޮގް ވިދާޅުވި ގޮތުގައި، މިގޮތަށް ތަކުރާރުކޮށް ދޭ އިންޒާރުތަކުގެ ބޭނުމަކީ ހިދުމަތްތަކަށް ހުރަސްއެޅުމުގެ އިތުރުން، އެއާލައިންތަކާއި އެއާޕޯޓްތަކުން ކަންކަމަށް އިޖާބަދޭ ގޮތް ބެލުމެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ދުވަސްވަރު ޔޫރަޕުގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ވެސް ވަނީ ސައިބާ ހަމަލާތަކެއް އަމާޒުވެފަ އެވެ.
އަންގާރަ ދުވަހު ވެސް ހަތް ފްލައިޓަކާއި ކްރޫޒް ޝިޕަކަށް ބޮމުގެ އިންޒާރު ދީފައިވެ އެވެ. އަދި މި ހަފުތާގެ ތެރޭގައި ހެކަރުން ވަނީ ދެވަނަ ފަހަރަށް ޔޫރަޕުގެ ބައެއް ގައުމުތަކުގެ ސުޕަމާކެޓް ފްރިޖްތަކުގެ ނިޒާމު ހުއްޓުވާލާފަ އެވެ. މީގެ އަސަރު ފަރަންސޭސިވިލާތުގެ ބްލަޑް ބޭންކުތަކަށް ވެސް ވަނީ ކޮށްފަ އެވެ.
އީރާނަށް އެހީވާ އިންޑިއާ އާއި ތުރުކީގެ ކުންފުނިތަކަށް ފިޔަވަޅު
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
ބާލީސް ބާވެ ހަޑިވުން: ސަމާލުވާންޖެހޭ ސަބަބުތަކާއި ހައްލު