މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސިއްހީ ހާލު ހުރިގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަލާމް ފޮނުއްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އަމީރު މިރޭ ފޮނުއްވި ސިޓީއެއްގައި ވަނީ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅަން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވިޔަސް "ބަލިހާލަތު ހުރި ގޮތުން" ވަޑައިގެންނެވެން ނެތް ކަމަށެވެ.

"13 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުއްވުން އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުގެ ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްވާހަކަ ހިތާމައާއެކު ދެންނެވީމެވެ،" އަމީރު، ނަޝީދުއަށް ފޮނުއްވި ސިޓީގައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާ ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެންމެ ފުރަތަމަ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް ވެސް އަމީރު ހާޒިރުވެވަޑައިގެންފައެއްނުވެ އެވެ. އެފަހަރު އަމީރު ހާޒިރުވެވަޑައިނުގަތީ ބަންޑާރަ ނައިބު އެފަދައިން ލަފާ ދެެއްވުމުންނެވެ