ހަމާސް ނައްތާލުމަށް ކަމަށް ބުނެ އިޒްރޭލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އެމީހުންގެ މަގުސަދު ހާސިލް ކުރެވިދާނެ ކަމާމެދު ޝައްކު ކަމަށް ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވެއްޖެ އެވެ.

"އިޒްރޭލް ބުނާ ގޮތުން އެމީހުން ބޭނުން ވަނީ ހަމާސް އެއްކޮށް ދުއްވާލަން. އެތާނގައި އެތައް ބައިވަރު މިލިޓަރީ މީހުން ތިބޭ. އެހެންކަމުން އިޒްރޭލަށް އެމީހުން އެބުނާ ލަނޑުދަނޑި ހާސިލުވާނެ ގޮތެއް ނުވިސްނޭ،" ގަތަރުގައި އޮތް ސަލާމަތާ ބެހޭ ސަމިޓެއްގައި ވާހަކަ ދައްކަވަމުން އައިމަން ވިދާޅުވި އެވެ.

ސަމިޓުގައި ވާހަކަ ދައްކަވަމުން އައިމަން ސަފާދީ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރުމާ ދެކޮޅަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޖޯޑަންއިން ކުރާނެ ކަމަށެވެ.

ސަފާދީ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގައުމުން ބޭރުކުރުމަކީ ހަނގުރާމައިގެ ކުށަކަށްވުމުގެ އިތުރުން އެއީ އަވައްޓެރި ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ.

އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ހަނގުރާމަ ހިނގަމުންދާއިރު ޖޯޑަން އިން އެންމެ ބޮޑުވަނީ އިޒްރޭލުން ގާޒާ އާއި ހުޅަނގު އައްސޭރީގެ ރައްޔިތުން އެތަންތަނުން ބޭރުކޮށް ނެރެލާނެކަމުގެ ބިރެވެ. ޖޯޑަންގައި ފަލަސްތީނުގެ ރެފިއުޖީންގެ އެތައް މިލިއަން މިހާރު ވެސް ދިރިއުޅެ އެވެ. އެމީސްމީހުންގެ އާއިލާއާއި ތިމާގެ މީހުން ގާޒާ އާއި ވެސްޓު ބޭންކުގައި ދިރިއުޅެ އެވެ.

ސަފާދީ ވިދާޅުވި ގޮތުގައި އިޒްރޭލުން ކުރަމުންމިގެންދާ ހަނގުރާމައިން ނިކުންނަ ހަމައެކަނި ނަތީޖާއަކީ އިތުރު މައްސަލަތަކެވެ. އިތުރު އުނދަގުލާއި ދަތިތަކެވެ. ސަރަހައްދަށް ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރެވެ.