ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުން ވަކިކުރި، މުހައްމަދު ޝުޖާއު އަބްދުއްރަޙީމް އަހަރެއް ފަހުން އަލުން އެ މަގާމަށް ހަމަޖައްސަވައިފި އެވެ.
އަރަބިއްޔާގެ ޕްރިންސިޕަލަކަށް ޝުޖާއު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ޖެނުއަރީ 8، 2018 ގަ އެވެ. އެމަގާމުން އޭނާ ވަކިކުރުމަށްފަހު ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަށް ވަނީ ބަދަލުކޮށްފަ އެވެ.
ޝުޖާއު މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ޝުޖާއު ވަކިކުރުމާއި ގުޅިގެން، ސްކޫލްގެ ބެލެނިވެރިން ވަރަށް ބޮޑަށް ކަންޑުވުން ފާޅުކޮށް، އެ މަގާމަށް ޝުޖާއު އަލުން ހަމަޖައްސަވައިދެއްވުމަށް އެދި އެކި ފަހަރުމަތިން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. އޭރު ޝުޖާއު މަގާމުން ވަކިކުރީ، ޢަރަބިއްޔާގެ ދަރިވަރުންނަށް ކިޔެވުމަށް އެކަށޭނަ މާހައުލެއް ސަރުކާރުން ހަމަޖައްސައިނުދީ، އެކި އަހަރު އެކި ޢިމާރާތްތަކަށް ބަދަލުކުރަންމުންދާތީ ބެލެނިވެރިން އެކަމުގައި އަޑު އުފުލުމުން، ޕްރިންސިޕަލްގެ ޙައިސިއްޔަތުން އެކަން ހުއްޓުވާފައި ނުވާތީކަމަށް ބުނެ އެވެ.
އުޒުރެއް ނެތި މަގާމުން ވަކިކުރުމާއި ގުޅިގެން، ޢަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް ޝުޖާއު އެ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ހުށައެޅި އެވެ. އަދި މިމަހުގެ އެއް ވަނަ ދުވަހު ޓްރައިބިއުނަލްއިން ނިންމާފައިވަނީ، އޭނާ އެ މަގާމުން ވަކިކޮށް އެހެން މުވައްސަސާއަކަށް ބަދަލުކޮށްފައިވަނީ ގާނޫނާއި ހިލާފައި ކަމަށާއި، އަދި އެ މަގާމަށް އޭނާ އައްޔަންކުރުމަށް އަމުރުކުރާކަމަށެވެ. އެގޮތުން 30 ދުވަހުގެ ތެރޭގައި، އެކަން ކުރުމަށް ވަނީ އަންގަވާފަ އެވެ
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ސޮއި ކުރައްވާ ޝުޖާއު އަށް ފޮނުއްވި ސިޓީގައި ވަނީ އޭނާ އަލުން އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް ބަދަލުކުރަން ނިންމާފައިވާތީ މިއަދު އިން ފެށިގެން އަރަބިއްޔާއަށް ނިކުންނެވުމަށް އަންގާފަ އެވެ.