ކޮވިޑް ވެކްސިން ޖެހިއިރު ކަށިޖެހުން ފިޔަަވައި އެހެން އެއްވެސް ތަދެއް ނުވާކަމަށް ޑރ. ޝިރާނީ އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ކޮވިޑް ފެސިލިޓީއާ ގިނަ ދުވަސްތަކެއް ވަންދެން ހަވާލުވެ ހުންނެވި ޑރ. ޝިރާނީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅާ އެވެ.
"ކަށިހެރުން ފިޔަވައި އިތުރު އެއްވެސް ތަދެއް ނުވޭ. އިތުރު އެއްވެސް އެލާޖީއެއް ދިމައެއް ނުވޭ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކޮނޑުގެ މަސްގަނޑަށެވެ. ވެކްސިން ޖެހުމަށްފަހު އިތުރު އެއްވެސް ރިއެކްޝަނެއް އާދޭތޯ ބެލުމަށް ވެއިޓިން އޭރިއާގައި 30 މިނެޓް ވަންދެން މަޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ކޮވިޑް ވެކްސިން ޖެހޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ. އިރާދަކުރެއްވިއްޔާ މި ބަލިމަޑުކަމުން އަރައިގަނެވޭނެ،" ކަމަށް ރައީސް ސާލިހު ވިދާޅުވި އެވެ.
ރައީސް ސާލިހު ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތައް އާދެވުނީ ސިއްހީ ހިދުމަތްތެރިންނާ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ އިރުޝާދާ ލަފައަށް ރައްޔިތުން ބޯ ލަނބާފައި ވާކަމަށާއި އަދި ވެކްސިން ޖެހުމުގައި ހުރިހާ ރައްރިތުން ވެސް ބައިވެރި ވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދަކީ ކުރަނީ އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެންމެން އެކީގައި މަސައްކަތް ކުރުން،" ރައީސް ސާލިހު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، އުންމީދަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ޖެހުން ކަމަށެވެ. އަދި މި އިންޓަވިއުގައި ސިއްހީ ހިދުމަތްތެރިންނާ ވޮލެންޓިއަރުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާ ކުރެއްވި އެވެ.
ޕެންޑަމިކް ކޮންޓްރޯލް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ނަސީމް ވަނީ އެންމެހާ ބޭފުޅުން ވެކްސިން ޖެހުމުގައި ވައިވެރިވެވަޑައިގަތުމަށް އިލްތިމާސް ކުރެއްވި އެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ވެކްސިން ޖެހުމުގެ އިވެންޓުގައި ރާއްޖޭގެ ތިން ބާރުގެ ވެރިން ވަނީ ވެކްސިން ޖައްސަވާފަ އެވެ. އަދި މީގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާން އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ.
ރާއްޖެއަށް މިވަގުތު ލިބިފައިހުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ކޮވިޑް ވެކްސިންގެ އިތުރު 700،000 ޑޯޒު ހޯދުމަށް މިހާރު ވަނީ އެސްޓްރަޒެނެކާ އާއެކު މިހާރު ވަނީ އެއްބަސްވެފަ އެވެ.