މިއަދަކީ މިއަހަރު ރާއްޖެއިން މިއަހަރު އެންމެ ގިނަމީހުން ކޮވިޑް19 އަށް ޕޮޒިޓިވްވި ދުވަހެވެ. ފާއިތުވެދިޔަ 24 ގައިއިރުގެ ތެރޭގައި 215 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 16،056 އަށް އަރާފަ އެވެ.

މިއީ ޖެނުއަރީ އެއްވަނަ ދުވަހާ އަޅާބާލައިރު އެކްޓިވް ކޭސްތަކުގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ ތިންގުނަ އަށް އިތުރުވެފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ކޮވިޑްގެ ވެކްސިން ދޭން ފަށާފައި ވާއިރު، މިއީ އަދި ފަރުވާ ކުޑަކޮށްލަަންވީ ވަގުތެއް ނޫނެވެ. ކޮވިޑްގެ ތިންވަނަ ރާޅެއް މިވަނީ ބޯމަތިވެފަ އެވެ. މާސް އަޅައި ގައި ދުރުކޮށްގެން ތިބުމަށް އިތުރަށް ސަމާލުވާންވީ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ ބާރުމިނަށް މަޑުޖެހުމެއް ނުގެނެވިއްޖެނަމަ ސިއްހީ ހިތުމަތްދޭ ތަންތަނަށް ނުކަތާވަރުވެދާނެ ކަމަށް ދާދިފަހުން އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި އެފަދަ ހާލަތެއްގައި ކޮވިޑް އަދި އެހެނިހެން ބަލިތަކަށް ފަރުވާދިނުމަށް ވެސް ބުރޫ އަރާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާމެދު ސިއްހީ ހިތުމަތްތެރިންނާ އަދި އެނޫންވެސް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން އައިޖީއެމްއެޗްގެ ފިޒީޝަން ޑރ. މުހައްމަދު އަލީ، ތިންނަވަ ރާޅެއްގެ އިންޒާރު ދެއްވައި ވިދާޅުވީ އެންމެން އެކައްޗެއް ކިޔައިން އަނެއްކާ ވެސް ރޮނގު ސީދާކުރަން މަސައްކަތްކުރަން ވެއްޖެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ ކިޔެވުން ސްކޫލަށް ގޮސްގެން ކުރިއަށް ގެންދިއުމަށް ނިންމައި، މިދިޔަ މަހު ވަނީ ކިޔެވުން ފައްޓާފަ އެވެ.

ކޮވިޑްގެ ހާލަތައް ރިއާޔަތްކޮށް ޣިޔާސުއްދީން ސްކޫލުން އޮންލައިން ކްލާސް ބޭއްވުމަށް ނިންމުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެނިންމުން އަނބުރާ ގެންގޮސް، އުސޫލުތަކާ އެއްގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ. ތިންވަނަ ރާޅު ބޯމަތިވުމާ ގުޅިގެން ގިނަބަޔަކު ދަނީ ސްކޫލްތަކުގައި ފިޒިކަލް ކްލާސްތައް ބޭއްވުމަކީ އެންމެ ރައްކާތެރި ގޮތްތޯ ސުވާލުކުރަމުންނެވެ.

ސްކޫލްތައް ހުޅުވާފައި ބެހެއްޓުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ ކޭސްތައް ކޮންމެ ދުވަހަކު ވެސް އިތުރުވަމުންދާތީ އެންމެ ރަނގަޅު ގޮތަކީ މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދުކުރުން ކަމަށެވެ.

ރާއްޖޭގައި މިހާރު މިވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި އޮކްސްފޯޑްގެ އެސްޓްރަޒެނެކާ ވެކްސިން ދޭން ފަށާފަ އެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ އެސްޓްރަޒެނެކާގެ 100،000 ޑޯޒުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ. އަދި މިހާރު ވަނީ އިތުރު 700،000 ޑޯޒް ހޯދުމަށް އެސްޓްރަޒެނެކާއާ އެއްބަސްވެފަ އެވެ.

މި ވެކްސިން ޕްރޮގްރާމްގެ ދަށުން އިއްޔެ ވަނީ 282 މީހަކަށް ވެކްސިން ދީފަ އެވެ.

ވެކްސިން ލިބުނު ކަމުގައި ވިޔަސް އަދި ފަރުރާ ކުޑަކޮށްލެވޭކަށް ނެތެވެ. މިހާރު ވެސް 1،807 އެކްޓިވް ކޭސް އެބައުޅެ އެވެ. އަދި ހޮސްޕިޓަލުގައި 184 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. މިބާރު މިނުގައި ބަލި ފެތުރެމުން ހިނގައްޖެނަމަ ކޮންޓްރޯލުން ނެއްޓި ހިނގައިދާނެ ކަމުގެ އިންޒާރު ސިއްހީ ކަމާ ބެހޭ އޮފިޝަލުން އަންނަނީ ދެއްވަމުންނެވެ.