ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެނގިފައިވާ ގޮތުގައި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް މަސައްކަތް ކުރައްވަނިކޮށެވެ. އޭނާގެ ޕާސްޕޯޓް މޯލްޑިވްސް އިމިގްރޭޝަނުން ހަ މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓީ ފުލުހުން އެދިގެންނެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓި އިރު، އެފްއޭއެމަށް ބައިނަލްއަގުވާމީ އިދާރާތަކުން ފޮނުވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. އަދި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފުލުހުން ވަނީ އެފްއޭއެމް ހުންނަ އިމާރާތަށް ވަދެ، އެ ތަން ބަލައި ފާސްކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި "ޕްރައިމް ސަސްޕެކްޓަކީ" ބައްސާމް ކަމަށެވެ. އަދި ބައްސާމްގެ މައްސަލަ ކޯޓަށް ފޮނުވުމުގެ ކުރިން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާ ނަމަހަމަ ގޮތް ގޮތަށް ބޭނުންކޮށްގެން އެފްއޭއެމްގެ ބައެއް ވެރިން ބޭރަށް ކުރާ ދަތުރުތަކުގައި ފައިސާ ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކޮންތާކުން ކޮންތާކަށްކަން ދިޔައީ ވެސް. ކޮން ހޮޓަލަކުން ކޮން ހޮޓަލަކަށްކަން ދިޔައީ، ކޮން މޯލަކަށް ކަން ދިޔައީ. ވަނީ ކޮން ފިހާރައަކަށްކަން ގަތީ ކޯއްޗެއްކަން. މިހުރިހާ މައުލޫމާތެއް ނިޒާމެއްގައި ރައްކާކުރެވިފައި އެބަ ހުރޭ،" ޝަމީމް ވިދާޅުވި އެވެ.

ބައްސާމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ބައެއް މީޑިއާތަކަށް މީގެކުރިން ވިދާޅުވެފައި ވަނީ އޭނާ ވެސް އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރަކު ވެސް އަދި މުވައްޒަފަކު ވެސް ފައިސާ އަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.