އައްޑޫ ސިޓީގައި ދާދިފަހުން ފެށުނު ސިލްސިލާ މާރާމާރީތަކާ ގުޅިގެން މިހާތަނަށް ޖުމްލަ 11 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީތަކާ ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"މިހާތަނަށް ޖުމްލަ 11 މީހަކު ވަނީ ހައްޔަރުކުރެވިފައި. އިތުރަށް ހައްޔަރުކުރަން ޖެހޭ މީހަކު ތަހުގީގަށް އައިޑެންޓިފައި ކުރެވިއްޖެނަމަ އެ މީހަކު ހައްޔަރުކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ މާރާމާރީތަކާ ގުޅިގެން ޖުމްލަ 12 މީހަކު ހައްޔަރުކުރިޔަސް އެކަކު ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ޖަލަށްލައިފަ އެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ ގޭންގުތައް އެއްވެ އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށް މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ހޯދައިފަ އެވެ.