ރާއްޖޭގައި ޒަކާތާ ބެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމުކުރުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ރައީސް މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ޒަކާތު ހައުސްގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަން ނިންމާފައިވަނީ ޒަކާތުގެ ގޮތުގައި ދައްކާ މިންވަރު އިތުރުކޮށް، ޒަކާތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޒަކާތް ލިބޭ މީހުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން މައިގަނޑު ގޮތެއްގައި އަމާޒު މި ހިފަނީ ޒަކާތު ފަންޑަށް މިހާރު ލިބޭ މިންވަރު އޭގެ ދެގުނަ އިތުރު ކުރުމަށް،" ފިރުޒުލް ވިދާޅުވި އެވެ.

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ހޭދަކުރަމުން ދަނީ މާބޮޑު ނިޒާމީ ވިސްނުމެއް ނެތި ކަމަށާއި ޒަކާތު ހައުސްއާ އެކު ރާއްޖޭގައި ފަގީރުކަމުގެ ހާލަތު އޮތް މިންވަރު ނައްތާލުމަށް ކުރެވޭ މަސައްކަތަކަށް އަމާޒު ހިފިގެން އެ މަސައްކަތްތައް ބަދަލުކުރެވޭނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ޒަކާތު ހައުސްގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެ އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވަނީ.

މީގެ އިތުރުން ވެސް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާއި، ޒަކާތުގެ ކަންކަން ޝަރީއާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިޤްހުގެ އަލީގައި ކުރިއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގައި، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން މުދަލު ޒަކާތް ނެރޭ އަދަދު ބޮޑުތަނުން އިތުރުކުރުން ހިމެނެ އެވެ. އަދި، ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީ ގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ދިވެހިރާއްޖެ އިން ފަގީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ވެސް މީގެތެރޭގައި ހިމެނެ އެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކުރުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މުހިންމު ކަމެވެ.