ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 10،000 މެމްބަރުން ހަމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއީލް ހަބީބު ވިދާޅުވި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމައަށް ދިހަހާސް މެންބަރުން ހަމަވަނީ ހަ ސިޔާސީ ޕާޓީއެއް ކަމަށެވެ.

ދިހަހާސް މެންބަރުން ހަމަކުރި ޕާޓީތަކުގެ ތެރޭގައި ޕީއެންސީ ވެސް ހިމެނޭ ކަމަށް ހަބީބު ވިދާޅުވި އެވެ.

ޕީއެންސީއާ އެކު އިތުރު ފަސް ޕާޓީއެއް މި ލިސްޓުގައި ހިމެނޭކަން ހަބީބް ފާހަގަކުރެއްވި އެވެ. އެއީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، ރާއްޖޭގެ ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

އެ ލިސްޓުގައި މި ފަހަރު ނުހިމެނެނީ، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފެއްދެވި އެމްއެންޕީ އެވެ.

ވެރިކަން ކުރާ ޕާޓީ އަށް 10،000 މެމްބަރުން ހަމަކުރިއިރު، އެ ޕާޓީގައި މިދިޔަ ފެބްރުއަރީ 21 ގެ ނިޔަލަށް ތިބީ 3،159 މެމްބަރުންނެވެ. އެކަމަކު، އެންމެ ބޮޑު ޕާޓީއަށް ހެދުމުގެ އަޒުމުގައި ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގަން ފަށައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އަދި އެ ފައިސާ ބަހާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، އެ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެންނެވެ.