ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްއަކަށް އެ މަގާމުގައި މިހާރު ވެސް ހުންނެވި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) މިއަދު އިންތިހާބުވެވަޑައިގެންފި އެވެ.

މިއީ ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ މަޝްހޫރު ވިޔަފާރިވެރިޔާ ކާނި އަބްދުﷲ އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ދެވަނަ ދައުރެވެ. މި އެސޯސިއޭޝަންގެ ދައުރަކީ ތިން އަހަރު ދުވަހެވެ.

މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނެޝަނަލް ހޮޓަލްސް އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވަނީ ރައީސްގެ އިތުރުން ދެ ނައިބު ރައީސުންނާއި ބޯޑު މެމްބަރުން ވެސް އިންތިހާބުކޮށްފަ އެވެ.

އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ނޫމޫ ގެސްޓްހައުސްގެ ވެރިޔާ އަހުމަދު ވަހީދާއި ގުމްބަރު އިން ގެސްޓްހައުސްގެ ވެރިޔާ އަބްދުލް ސަމީއު އިމާދެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީ އަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރެއްވި އެޑްވައިޒަރު އަހުމަދު ނަސީރު ވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

ނަސީރަކީ އެ ބޯޑުގެ ކޯޕަރޭޓް އެފެއާޒް މެމްބަރެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގައި ދެން ހިމެނޭ ބޯޑުގެ މެމްބަރުން:

ހަސަން އަލީ މަނިކު - ފައިނޭންޝަލް ކޮންޓްރޯލާއަހުމަދު އާލް ނަސީރު - ޕީއާރު އެންޑް މާކެޓިންއަހުމަދު ސާމިލު - އެކްސްކޯ މެންބަރުމުހައްމަދު ޔާމީން - އެކްސްކޯ މެންބަރުއަމްޖަދު އިސްމާއީލް - އެކްސްކޯ މެންބަރުއަންދުﷲ ސަމީރު - އެކްސްކޯ މެންބަރުއަހުމަދު ކަރަމް - އެކްސްކޯ މެންބަރުރާއިފް ޝާޒް ވަލީދު - އެކްސްކޯ މެންބަރުސައުދުﷲ އަހުމަދު ހަސަން ދީދީ - އެކްސްކޯ މެންބަރުނިމާދު އިބްރާހިމް - އެކްސްކޯ މެންބަރު

ގެސްޓްހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެކި ސަރުކާރުތަކުން އިންޑަސްޓްރީ އަށް ދަތިވާ ގޮތަށް އަޅާ ފިޔަވަޅުތަކަށް ހައްލު ގެނައުމަށް ސަރުކާރުގެ އިސްވެރިންނާ ވާހަކަ ދައްކަން ނިންމައިފަ އެވެ.

އެ ޖަމިއްޔާ އިން ކުރިޔަށް އޮތް އަހަރު ގެސްޓްހައުސްތަށް މާކެޓްކޮށްދިނުމަށް ގެސްޓްހައުސްތަކުގެ ފޮޓޯ އާއި މައުލޫމާތް ހިމެނޭ މެގަޒިންއެއް ނެރެ ބޮޑެތި ފެއާތަކުގައި އިސްތިހާރު ކުރަން ބެހުމަށް ވެސް ވަނީ ނިންމައިފަ އެވެ. އަދި ހުރިހާ ބޮޑެތި ފެއާތަކުގައި އެސޯސިއޭޝަންގެ ކައުންޓަރެއް ބެހެއްޓުމަށް ވެސް އަހަރީ އާންމު ޖަލްސާގައި ނިންމާފައިވެ އެވެ.

މީގެއިތުރުން އަންނަ މަހުން ފެށިގެން ޖަމިއްޔާގެ އޮފީހެއް މާލޭގައި ގާއިމު ކުރުމާއި ގެސްޓްހައުސް އެންމެ ގިނަ އިން ހުންނަ ރަށްރަށަށް ގޮސް ގެސްޓްހައުސްގެ ވެރިންނާ ބައްދަލު ކުރެއްވުމާއި އަންނަ އަހަރު ޔޫއެންޑީޕީ، ޔޫއެސް އެއިޑް، އީއުރަޕިއަން ޔުނިއަން ފަދަ ތަންތަނާ ގާތް ގުޅުމެއް ބާއްވާ ގެސްޓްހައުސް ތަކަށް މާލީ އެހީ ހޯދަން ވެސް ނިންމާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 923 ގެސްޓްހައުސްއާއި 14 ހޮޓަލެއް ހުރެ އެވެ.