މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު، ރަސްގެފާނު ދެއްވި މާފުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާ ދެއްކުމަށްފަހު، ބަންދުގެ ބާކީބައި ގޭގައި ހޭދަކުރެއްވުމަށް ޖަލުން ނުކުމެވަޑައިގެންފި އެވެ.

ނަޖީބު ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް މެލޭ ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އިން ހުކުރު ދުވަހު ބުނި ގޮތުގައި، އާންމުންގެ އެހީތެރިކަމާއެކު ފައިސާ ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތުން ބޭނުންވާ މިންވަރަށް ފައިސާ ލިބުމާ ގުޅިގެން، 50 މިލިއަން ރިންގިޓް (12.3 މިލިއަން އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާ އެ ދުވަހުގެ ހެނދުނު ކުއާލަލަމްޕޫރުގެ ހައިކޯޓަށް ވަނީ ދައްކާފަ އެވެ.

އުތުސާން މެލޭޝިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުފުޅުން 73 އަހަރުގެ ނަޖީބު ރައްޒާގު ކާޖަންގް ޖަލުން ނުކުމެވަޑައިގަތީ މިއަދު މެންދުރުފަހު 2:37 ގައެވެ. އެމަނިކުފާނު ދަތުރުކުރެއްވީ ރިހިކުލައިގެ ކާރެއްގަ އެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ސަލާމަތީ ފައުޖުތަކުގެ އުޅަނދުތަކާއި މެލޭޝިޔާގެ ޕްރިޒަންސް ޑިޕާޓްމަންޓުގެ ވޭނެއް ދަތުރުކުރި އެވެ.

ނަމަވެސް، އެމަނިކުފާނު ވަޑައިގަންނަވާ ވަކި މަންޒިލެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ. އަދި ކުއާލަލަމްޕޫރުގެ ޖަލަން ލަންގަކް ދުތާގައި ހުންނަ އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގަންނަވާނެ ކަމެއްވެސް ސާފެއް ނޫނެވެ.

އޭއެފްޕީގެ ނޫސްވެރިއަކަށް މެންދުރުގެ ވަގުތެއްގައި ފެނުނު ގޮތުގައި، ނަޖީބުގެ ގެކޮޅާ ދިމާލަށްދާ މަގުތަކުގައި ރީނދޫކުލައިގެ ފުލުސް ޓޭޕް ދަމައި، ޓްރެފިކް ކޯން ބަހައްޓައިގެން އެ ސަރަހައްދަށް ވަދެ ނިކުމެ އުޅުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ. ފުލުހުން ވަނީ އެ ސަރަހައްދުގައި ފޯރިމަރާ އުޅަނދުތައް ބާއްވައި، މީހުން ކޮންޓްރޯލްކުރުމަށްޓަކައި ދެ ފޭލިގެވެސް ޖަހާފަ އެވެ.

އުމްނޯގެ ސެކްރެޓަރީ ޖެނެރަލް އަސްރަފް ވަޖުދީ ދުސޫކީ ހުކުރު ދުވަހު ވިދާޅުވީ، އާންމުންގެ އެހީ ހޯދުމަށް ސެޕްޓެމްބަރު މަހު އުފެއްދި "ނަޖީބު ރައްޒާގު ސޮލިޑަރިޓީ ފަންޑު" އަށް ބޭނުންވާ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން، މި ބޭނުމަށްޓަކައި އިތުރަށް އާންމުންގެ އެހީ ހޯދަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

2009 އިން 2018 އަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާގު ޖަލަށްލެވުނީ 2022 ވަނަ އަހަރު އެވެ.

އެމަނިކުފާނުގެ މައްޗަށް ފުރަތަމަ އިއްވީ 12 އަހަރުގެ ޖަލު ހުކުމަކާއި 210 މިލިއަން ރިންގިޓްގެ ޖޫރިމަނާއެކެވެ. އެއީ މެލޭޝިޔާގެ އިންވެސްޓްމަންޓް ފަންޑު، 1އެމްޑީބީގެ ސަބްސިޑަރީއެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްގެ 42 މިލިއަން ރިންގިޓަށް ހިޔާނާތްތެރިވިކަމަށް ސާބިތުވި ހަތް ދައުވާއަކާ ގުޅިގެންނެވެ. ނަމަވެސް، ނަޖީބު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

2024 ވަނަ އަހަރު، މެލޭޝިޔާގެ މާފުދޭ ބޯޑުން ވަނީ އެމަނިކުފާނުގެ ޖަލު ހުކުމް ހަ އަހަރަށް ކުޑަކޮށް، ޖޫރިމަނާ 50 މިލިއަން ރިންގިޓަށް މަދުކޮށްދީފަ އެވެ.

އޭގެ ފަހުން ނަޖީބު ވަނީ، އޭރުގެ ރަސްގެފާނު ސުލްތާން އަބްދުﷲ ރިއާޔަތުއްދީން އަލް-މުސްތަފާ ބިލާހު ޝާހު، ހުކުމުގެ ބާކީބައި ގޭބަންދުގައި ހޭދަކުރެއްވުމަށް ހުއްދަދީ ނެރުއްވި ކަމަށް ބުނާ އަމުރަކާ ގުޅޭގޮތުން ޤާނޫނީ ހަނގުރާމައެއް ކުރައްވާފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، މެލޭޝިޔާގެ މިހާރުގެ ރަސްގެފާނު ސުލްތާން އިބްރާހީމް ސުލްތާން އިސްކަންދަރު ވަނީ، 50 މިލިއަން ރިންގިޓްގެ ޖޫރިމަނާ ދެއްކުމަށް ޝަރުތުކޮށް، ނަޖީބުގެ އަސްލު ހުކުމުގެ ބާކީބައި ގޭބަންދުގައި ހޭދަކުރެއްވުމުގެ މާފެއް ދެއްވާފަ އެވެ. މިގޮތުން، 2028 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް އެމަނިކުފާނު ހުންނަވާނީ ގޭބަންދުގަ އެވެ.