ރަސްމާލޭގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް ދުބާއީގެ އީގަލް ހިލްސްއަށް ދިނީ ރިޝްވަތު ނަގައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފި އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވިގޮތުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާގެ އަދަދު ބޮޑުކަމުން ސަރުކާރަށް މިހާރު މި މަޝްރޫއު އަމިއްލައަށް ހުއްޓާލަން ވަނީ ދަތިވެފަ އެވެ.

ޔާމީން ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މައްސަލައިގައި ޕީއެންއެފް އާއި އެމްޑީޕީ މިހާރު ތިބީ އެއްގަލަކަށް އެރިފައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވެރިން ފައިސާ ނަގާފައިވާ އަދަދު ބޮޑުކަމުން، މަޝްރޫއު ހުއްޓާލެވެން ވެސް އަދި ކުރިއަށް ދެވެން ވެސް ނެތް ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ވެރިން ތިބީ ދެފަރާތަށް ވެސް ނުދެވޭ ގޮތަށް ބާރުވެފައި ކަމަށް ޔާމީން ސިފ ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ކިތަންމެ ބޭނުންފުޅުވިޔަސް މި މަޝްރޫއު ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެކަން އީގަލްސް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.

އެހެންކަމުން މަޝްރޫއު ހުއްޓާލުމަށް ދަތިވާ ނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ސަރުކާރަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ވޯޓުގައި ދިވެހި ރައްޔިތުން މަޝްރޫއާ ދެކޮޅަށް ވޯޓު ދިނުމުން ސަރުކާރަށް މަޝްރޫއު ހުއްޓާލުމުގެ ބަހަނާއެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"[ރައީސް މުއިއްޒަށް] މިކަން ހުއްޓާލުމަށް ދަތިވާ ކަމުގައިވާ ނަމަ، އެ ކުރެވިފައިވާ ކަންކަމުން ލަދު ބޮލަށް އަރާ ކަމުުގައިވާ ނަމަ، ފޭސް ސޭވިން ކޮންމެވެސް ކަމެއް އަޅުގަނޑުމެން ހުށަހަޅަން [ރައީސް] މުއިއްޒަށް. [އެއީ] ރައްޔިތުންގެ ރިފެރަންޑަމަކަށް ދިއުން، ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން،" އެންމެ ފުރަތަމަ އެ ވޯޓު ނަގަން ގޮވާލީ އެމަނިކުފާނުގެ ޕީއެންއެފުންކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން، މި މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް ޔާމީން ވަނީ މަރުހަބާ ދަންނަވާފަ އެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މި ކަމުގައި ބައިވެރިވެވަޑައިގަންނަވާތީ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ނުބަލައި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާތީ އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.