ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔައި ނޫސްތަކުގައި "ތަޅު" އަޅުވަން ފެށުމާ ގުޅިގެން ނޫސްވެރިންގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ މުއައްސަސާތަކާއި ޖަމިއްޔާތަކުން ސަރުކާރަށް "ބަވަން" ފަށައިފި އެވެ.

ސަރުކާރަށް ފާޑުކިޔައި ހަބަރުތައް ގެނެސްދޭ ދެ ވެބްސައިޓު ކަމަށްވާ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް ސަރުކާރުން ބްލޮކްކޮށްފައިވާ އިރު، ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ކަމަށްވާ "ފުރަތަމަ" ނޫސް ވެސް ވަނީ މި ސަރުކާރުން ބްލޮކްކޮށްފަ އެވެ. މި މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިއުން ސަރުކާރުގެ އިސްވެރިންނަށް ދަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.

މީޑިއާ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކަކީ ވެސް "މީޑިއާ" ކަމަށް މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށެވެ.

ބްލޮކްކުރި ދެ ވެބްސައިޓާ ގުޅިގެން އެއްވެސް މައްސަލައެއް މިހާތަނަށް އެ ކައުންސިލަށް އަދި ހުށަހަޅާފައި ނުވި ނަމަވެސް އުސޫލެއް ނެތި ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް މީޑީއާ ކައުންސިލުން ބުންޏެވެ.

"މިއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" މީޑިއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރަށް ފާޑު ކިޔަމުން ދިޔަ ވެބްސައިޓުތަކެއް ބްލޮކް ކުރުމުން އެކަން ކުށްވެރި ކުރާ ކަމަށެވެ. ސަރުކާރުން އެޅި މި ފިޔަވަޅަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަމަށް ބަޔާނުގައިވެއެވެ.

ސަރުކާރުން އެއްވެސް އުސޫލެއް ނެތި އަޅަމުންދާ މި ފިޔަވަޅު ވަގުތުން ވަގުތަށް ހުއްޓާލުމަށް އެ ޖަމިއްޔާ އިން ގޮވާލާފައިވެ އެވެ.

ޑިމޮކްރަސީއާ ބީރައްޓެހި މި ފިޔަވަޅުތަކަކީ ނޫސްތަކަށާއި ނޫސްވެރިން އަދި ޖުމްލަކޮށް ހުރިހާ ރައްތިތުންނަށްްވެސް ސަރުކާރުން ދިން ވަރަށް ބޮޑު ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި އެމްޖޭއޭ އިން ސިފަ ކުރެ އެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއްް ފަހަތަށް ސޮސްސާލައިގެންދާފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި އެމްޖޭ އިން ދެކެ އެވެ.

ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމައި އެކަމުގައި ފިޔަވަޅު އެޅުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންޑޭޓް ކަމުގައި ކަނޑައަޅާފައިވާ ކަމެކެވެ. ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް އެމްއެމްސީ އަށް ރެގިއުލޭޓްކޮށް އެ ގާނޫނުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށްވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެމްއެމްސީ އަށް ގާނޫނުން ލާޒިމް ކުރާ ކަމެކެވެ.

"މި ޖަމިއްޔާ އިން ގަބޫލުކުރާ ގޮތުގައި މިކަމަށް އޮތް ހައްލަކީ އަދި މި ޖަމިއްޔާ އިން ސަރުކާރަށް ގޮވާލަނީ ގާނޫނުން އެމްއެމްސީ އަށް ހަވާލުކޮށްފައިވާ ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާކުރުމަށް އެ ކައުންސިލް ބާރުވެރިކުރުވައި, އެހީތެރިކަން ފޯރުކޮށްދިނުމަށެވެ." ބަޔާނުގައިވެ އެވެ.

އެކަމާ ގުޅިގެން އެޑިޓާސް ގިލްޑް އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ދުލައި ގަލަމުން ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އެހެންވެ މީޑިއާ ކައުންސިލުގެ އެއްވެސް ދައުރެއް ނެތި ދެ ވެބްސައިޓު ބަންދުކުރަން ޖެހުނު ސަބަބު ހާމަކުރުމަށާއި އެކަން ހާމަނުކުރެވޭ ނަަމަ، އެ ދެ ވެބްސައިޓް އަލުން އޮޕަރޭޓްކުރުމަށް ދޫކޮށްލުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލައިފަ އެވެ.