ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ 48 ބިމެއް ވިއްކާލުމަށްޓަކައި އެ ބިންތައް ގަތުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށެވެ. އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މި ބިންތައް ވިއްކުމަށް ނިންމާފައި ވަނީ އަކަފޫޓަކަށް 2,000 ރުފިޔާގެ މަގުންނެވެ.

ވިއްކާލުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތެރޭގައި މާފަންނުގެ 21 ބިމަކާއި ހެންވޭރުގެ 9 ބިމެއް ހިމެނެ އެވެ. އަދި ގަލޮޅުގެ 7 ބިމެއްގެ އިތުރުން ވިލިނގިލީގެ ބިމެއްވެސް މީގެ ތެރޭގައި ހިމެނެ އެވެ.

މި ބިންތައް ގަތުމަށް ބޭނުންވާ މީހުން ފޯމާއި ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފަހު އަންނަ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންޖެހޭނެ އެވެ.

2011 ވަނަ އަހަރު ހިންގި ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު 28 ޖޫން 2021 ގައި ވަނީ އާންމުކޮށްފަ އެވެ.