އިމާރާތްކުރުމުގެ ދާއިރާއަކީ އަންހެން ބޭފުޅުންގެ ބޮޑު އިންސައްތައެއް މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހޮޓެލް ޖެންގައި ރޭ ބޭއްވި "އެމްއެންއޭސީއައި ބިލްޑަރ އެވޯޑްސް 2023" ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ މަސީއާ އަދި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިޔަށް އޮތް އަހަރުތަކުގައި މި ދާއިރާގައި ދިވެހި ކަނބަލުންނަށް މިހާރަށް ވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ސިޔާސަތުތައް ބައްޓަންކުރުން ކަމަށެވެ.

މީގެ އިތުރުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ހަމައަށް ވާޞިލުވާނެ އަދި ދެވެންހުރި އެންމެ ފަހި ފުރުޞަތުތައް އެ އިންޑަސްޓްރީން ލިބިދެވެންޖެހޭ ކަމަށާއި އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އޮންނަ އިންކްލޫސިވް އިންޑަސްޓްރީއަކަށްވުންކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ބައެއް ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާކުރުން ނިމުމަކަށް ގެނައުމުގައި ވެސް ބުރަމަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި އެކަމުގައި ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.

"ގަވާއިދުތަކާއި ގާނޫނަށް ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާންނަން. އެވޯޑްކުރުމުގައި، ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަންވެސް ކުރާނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ގައުމިއްޔަތު ކުރިއަރުވައި ވާހަކަދެއްކުމަކީ ފަންނުވެރިކަމާ ސިނާއަތްތައް ވެސް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެންދިއުން ކަމުގަ އެވެ.

އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު "ބޮޑު ރަސްގެފާނު ލަޤަބު" މި ހަފުލާގައި ރައީސް މުއިއްޒަށް ވަނީ އަރުވައިފަ އެވެ. ރައީސްއާ މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ.

މި ހަފުލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރެއްވީ އަމީން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން، ޢަބްދުﷲ މުޙައްމަދާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއާމަން މުޙައްމަދު އަލީ ޖަނާޙަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް މުއިއްޒު އެވެ.