އެމްޕީއެލް ސަރަަހައްދުގައި ރޭ ދަންވަރު މަސައްތަކްކުރަމުންދިޔަ މަޖޫރީއެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި، ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މިހާދިސާ ހިނގާފައި ވަނީ ޔާޑުތެރޭގައި ހުރި ޓާފްރޯލްތަކެއް ބޭރަށް ނެރުމަށް ކެރޭނެއް ބޭނުންކޮށްގެން ލޮރީއަކަށް އެރުވުމަށް މަސައްކަތްކުރަނިކޮށް ބެލެންސް ކަޓައި، ކާޕެޓްރޯލް އެ މީހާގެ ގައިމައްޗަށް ވެއްޓިގެންނެވެ.

މި ހާދިސާ ހިނގީ ރޭ ދަންވަރު 2:15 ހާއިރު ކަމަށް ވެސް އެނގިފައިވެ އެވެ.

ކާޕެޓްރޯލުގެ ދަށުވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކަށް ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އޮޕަރޭޝަންކުރަން ތިއޭޓަރަށް ވައްދައި، އޮޕަރޭޝަން ތިއޭޓަރުގައި އެ މީހާއަށް ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.

އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އަދި އެނގިފައެއް ނުވެ އެވެ.

އެމްޕީއެލް ސަރަހައްދުގައި ރޭ އެކްސިޑެންޓެއް ހިނގައި މަޖޫރީއަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު، މިދިޔަމަހުގެ ތެރޭގައި ވެސް މިފަދަ ހާދިސާއެއް އެމްޕީއެލް ސަރަހައްދުގައި ވަނީ ހިނގާފަ އެވެ.

ކޮންޓެއިނަރަކުން ބިއްލޫރި ޕެލެޓެއް ނެގުމަށް ފޯކްލިފްޓެއް ނޭނުންކޮށްގެން މަސައްކަތްކުރަނިކޮށް ޕެލެޓް ވެއްޓި ހިންގި މިހާދިސާގައި އަނިޔާވި ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް ވަނީ ފަރުވަދެމުންދަނިކޮށް މަރުވެފަ އެވެ.