އާބަންކޯގެ ބެލުމުގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ހުޅުމާލޭ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުމަތި ދިއްލުމުގެ އިތުރުން އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އަންނަނީ އާބަންކޯގެ ބެލުމުގެ ދަށުންނެވެ. އެ ހިދުމަތްތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އެކަން ކުރައްވަން ނިންމަވައިފަ އެވެ.

ކެބިނެޓު ބައްދަލުވުމަށް ފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން އެކަމަށް އަމަލު ކުރަން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އޮފީސްތަކާއި ސާމާނާއި ބިމުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް މިހާރު ލިބެމުން އަންނަ އުޖޫރއާ އެއްވަރުގެ އުޖޫރައެއް އެއް އަހަރު ވަންދެން ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިކަމާ ގުޅޭ އިތުރު ތަފްސީލްތައް ފަހުން ހާމަކުރައްވާނެ އެވެ.

ރައީސް މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވި އިރުގައި ވެސް އެމަނިކުފާނު ކުރެއްވި އެންމެ ބޮޑު އެއް ޝަކުވާއަކީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ނެތުމުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭރުގައި އޮތް އާބަންކޯގެ މެނޭޖްމަންޓާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ވެސް އެކަން ދިޔަ އެވެ.