އެމެރިކާގެ ވޯޓިން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ސްމާޓްމެޓިކުން ފޮކްސް ނިއުސް އާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާނޫނީ ވަކީލު ރުޑީ ޖޫލިއާނީ، އަދި ސިޑްކީ ޕަވަލްއާ ދެކޮޅަށް 2.7 ބިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފި އެވެ.
ސްމާޓްމެޓިކްއިން މިދައުވާކޮށްފައި ވަނީ 2020 އަހަރުގެ އެމެރިކާގެ ރިއާސީ އިންތިހާބާއި ދިމާކޮށް ފޮކްސް ނިއުސްއިން އެއްވެސް ހުއްޖަތެއް ނެތި ދޮގުވާހަކަތަކެއް ފެތުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނިއުޔޯކް ސްޓޭޓް ކޯޓުގައި ކޮށްފައިވަ މި މިދައުވާގައި ބުނާގޮތުން ފޮކްސް، ޖޫލިއާނީ، ޕަވަލް އަދި ފޮކްސް ނިއުސްގެ ހުށަހެޅުންތެރިން ކަމުގައިވާ ލޫ ޑޮބްސް، މާރިއާ ބާޓިރޯމޯ އަދި ޖިނައިން ޕިރޯ ވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ސްމާޓްމެޓިކްއާ ބެހޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަ ފަތުރައި، 2020 އިންތިހާބަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މޮޅުވި އިންތިހާބެއްކަމުގައި މީހުންނަށް ވިސްނައިދޭން މަސައްކަތްކޮށްފަ އެވެ.
"އެ މީހުން ބޭނުންވީ ވިލަން އެއް. އިލްޒާމް އަޅުވާނެ ބައެއް. އެހެން މީހުންގެ ނަފްރަތު އަމާޒުކުރާނެ ބައެއް. މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދޭނެ ރަނގަޅާއި ނުބައިގެ ވާހަކައެއް. އެފަދަ ކަމެއް ކުރެވޭނީ އީވްލް ބައެއްގެ ވާހަކަ އެމީހުން ކިޔައިދީގެން،" އެ ދައުވާގައިވެ އެވެ. "އެފަދަ ބެއެއް ނެތުމުން އެމީހުން އަމިއްލައަށް ބަޔަކު އުފެއްދީ، ސްމާޓްމެޓިކްއަކީ އެމީހުންގެ ވާހަކާގައި އުޅޭ ވިލަންއަށް ހެދީ."
މިކަމާބެހޭ ގޮތުން ފޮކްސް ނޫހުގެ ސްޕޯކްސް ޕާސަން ބުނީ ފޮކްސް ނިއުސް މީޑީއާއަކީ ވާހަކައެއް އޭގެ އެންމެ ފުރިހަމަގޮތުގައި އޭގެ އެންމެ ފުނަށް ފީނައިގެން ރިޕޯޓުކުރާ ބައެއް ކަމަށާ، 2020 ވަނަ އަހަރުގެ އިންތިކާބުގެ ވާހަކަ ފޯރުކޮށްދިންގޮތާ މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި ކޯޓުގައި ދައުވާއަކީ އެެއްވެސް އަސާސެއް ނެތް އެއްޗެއްކަން ސާބިތުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އިންތިހާބުން ޓްރަމްޕް ބަލިވުވާއެކު ވަނީ އިންތިހާބުގައި މަކަރުހަދާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ބަލި ގަބޫލުކުރަން ދެކޮޅު ހަދައްވައިފަ އެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަން ސާބިތުނުކުރެވުނެވެ. އެކަމާހެދި މިހާރުގެ ރައީސް ޖޯ ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ޓްރަމްޕް ބައިވެރިވެވަޑައިގެންފައި ނުވެ އެވެ.