މާލެ ސަރަހައްދަށް މީގެ ކުރިން ދުވާލަކު 300 އާ ގާތްކުރާ އަދަދަކަށް އާ އުޅަނދު ރަޖިސްޓްރީކޮށްދީފައި އެބަހުރި ކަމަށާއި އެކަމަކު މިހާރު އެ އަދަދު 25 އަށް ތިރިކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިހެން ވިދާޅުވީ މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓާ ޕްލޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެއެވެ.
"އެންމެ ބޮޑު މައްސަލައަކަށް ވެގެން ދިޔައީ އަޅުގަނޑުމެން ސަރުކާރަށް އައިއިރު މި ސަރަހައްދަށް ރަޖިސްޓްރީ ވަމުން ދިޔަ ވެހިކަލްތައް އާދަޔާ ހިލާފަށް އިތުރުވަމުން ދިޔުން. އެބަހުރި ސްޓެޓިސްޓިކްއިން ފެންނަން ގާތްގަނޑަކަށް ތިންސަތޭކައާ ގާތް ކުރާ އަދަދަށް ވެސް ދުވާލަކު ރަޖިސްޓްރީކޮށްދީފައި. އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ރޭޓް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ އަލަށް ރަޖިސްޓްރީކުރެވޭ ވެހިކަލްތައް މަދުކުރުމަކީ ވެސް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވެހިކަލް އެތެރެވުން ކޮންޓްރޯލް ނުކުރެވޭނަމަ މާލެ ސަރަހައްދު މިހާރު އޮތް ހާލަތުން މިއަށް ވުރެ ނުރައްކާ ހާލަތައް ހިނގައިދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މާލޭ ސަރަހައްދަށް އެތެރެވާ އުޅަނދުފަހަރު ރެގިއުލޭޓު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން ކުރިއަތް އޮތް ދެތިން ހަފްތާ ތެރޭގައި މި މަސައްކަތް ފެށިގެން ދާނެކަން އަމީން ފާހަގަކުރެއްވި އެވެ.
އަމީން ވިދާޅުވީ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓާ ޕްލޭން ގެ ސަބަބުން ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރެވިގެން ދާނެކަމަށެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ނިމުނު އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގައި އެކަނި ވެސް މާލޭ ސަރަހައްދަށް 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ.