ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި މާލެގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މިއަދު ހަވީރު ރަސްމީކޮށް ފަށައިފި އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިން ރަސްމީކޮށް އިއުލާންކޮށްދެއްވީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ހިންގުމާ ވަގުތީގޮތުން ހަވާލުހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ކެމްޕެއިން އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ކުރިމަތިލާ މަގާމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި އިންތިހާބަށް ނުކުންނަވަނީ އަމާނާތްތެރިކަމާއެކު ޒިންމާތައް އަދާކުރުމުގެ އުންމީދުގައި ކަމަށް ވެސް ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި މާލޭގެ ރައްޔިތުންގެ އިހްސާސްތަކާއި ހުވަފެންތަކަށް އިހްސާސްތަކަށް އަލިއަޅުވަލެއްވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ "އެކަންކަމަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވުނީ އެއްވެސް ރައްޔިތަކު ދެބަސްނުވާނެ ފަދައިން ނިމިގެންދިޔަ ފަސް އަހަރުގައި" ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވުމަށް ކުރައްވާފައިވާ ކަންކަމަށް ވެސް އަލިއަޅުވާލެއްވި އެވެ.
މުއިއްޒު ވިދާޅުވީ "ރައްޔިތުން ގެދޮރުވެރިކުރުމުގެ އަމާޒަށް، ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ އެކީގައި ރައްޔިތުންގެ އަޑު މިސަރުކާރަށް އިއްވައިދިނުމުގައި އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" ކަމަށެވެ.
ޑރ. މުއިއްޒުއަކީ މީގެކުރީގައި ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގެ ވެރިކަމުގައި ވެސް ޑރ. މުއިއްޒު ވަނީ ހައުސިން މިނިސްޓަރެއްގެ މަގާމު ފުރުއްވާފަ އެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވަނީ ހިޔާ މަޝްރޫއާއި، ސިނަމާލެ ބްރިޖާއި، ކިންގް ސަލްމާން މިސްކިތް އެޅުމުގެ މަޝްރޫ ފަދަ ބޮޑެތި މަޝްރޫރުތަކެއް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރައްވާފަ އެވެ. އަދި ރަސްފަނާއި ރަސްރަނި ބަގީޗާއާއި އެތައް ހާސް ހައުސިން ޔުނިޓެއް ހުޅުމާލޭގައި ގާއިމްކުރުން ފަދަ ކާމިޔާބު މަސައްކަތްތަކެއް ޑރ. މުއިއްޒު ވަނީ ކުރައްވާފަ އެވެ.