ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވޯޓު ބޭނުންވާނަމަ އެމަނިކުފާނު ދިން ގޯއްޗާއި ފްލެޓްތައް ހަވާލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ސަލްޓަން ޕާކްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނީ ސަބަބެއް ނެތިއެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައުމަށް އޮޅުވާލި އޮޅުވާލުންތަކާއި ހެދި ދޮގުތައް މިއަދު ފަޅާއަރާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވެރިކަމަށް އައުމަށް ކުރެއްވި މަސައްކަތް. ދޮގު ހެދުމާއި އޮޅުވާލުމާއި ނަފުރަތާއި ގަދަ ބަސް ބުނުން. އެއަކުން ކާމިޔާބެއް ނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދިޔުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރައްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފްލެޓުތައް ހަވާލު ކުރައްވާށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ މޭޔަރު އާޒިމް މާލޭ ރައްޔިތުން މާޔޫސްކޮށްނުލާނެ ކަމަށާއި އޭނާއަށް އިތުބާރު ކުރެއްވުމަށް ސޯލިހު ވަނީ މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.