ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ޕްރައިމަރީ ފަސްކުރިކަން ރަސްމީކޮށް އެ ޕާޓީން އަންގާފައެއްނުވެ އެވެ. ނަމަވެސް ނުރަސްމީކޮށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ އެކަން ޕާޓީގެ ބައެއް ފަރާތްތަކަށް އަންގާފަ އެވެ.

އެންމެ ފަހުން އެ ޕާޓީން ނިންމީ މި މަހުގެ 20 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށެވެ.

މީގެކުރިން ޕްރައިމަރީ ފަސްކުރިއިރު، ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ އާންމު މެންބަރުންގެ އެދުމުގެ މަތިންނެވެ.

ނަމަވެސް މި ފަހަރުގެ ޕްރައިމަރީ ފަސްކުރި ސަބަބެއް އަދި ނޭނގެ އެވެ. އިރުއިރުކޮޅާ ޕްރައިމަރީ ފަސްކުރާތީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ގިނަ ބަޔަކު ތިބީ ކަްބޮޑުވުމެއްގެ ތެރޭގަ އެވެ.