ހައުސިން އެޕްލިކޭޝަން ފަރުމާ ކުރުމުގެ ބިޑަށް ސަރުކާރުން ހުޅުވާލީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކަންބޮޑުވުންތައް ފެންމަތިވެއްޖެ އެވެ.

ސޯޝަލް ހައުސިންއާ ގުޅޭ ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް ފަރުމާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދައި ބިޑު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ބިޑު ހުށަހެޅުމަށް ހުޅުވާފައި ވަނީ އެންމެ 24 ގަޑި އިރަށެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހު ކޮށްފައިވާ އެ އިއުލާނުގައި ބުނީ ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2 އަށް ކަމަށެވެ. އަދި ބިޑާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަން ވެސް ބާއްވާފައި ވަނީ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

އެންމެ 24 ގަޑި އިރަށް މިކަން ހުޅުވާލުމުން އާންމުންގެ ގިނަ ބަޔަކު ވަނީ މިކަމާ ސުވާލު އުފައްދައިފަ އެވެ. އަދި މިއީ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ސައްވީސް ގަޑިއިރު ތެރޭގައި ބިޑަށް ތައްޔާރުވެ، ބިޑު ހުށަހެޅޭނީ މިކަމުގެ މައުލޫމާތު ކުރިން ވެސް ލިބިފައިވާ ބަޔަކަށް ކަމަށާއި، މިއީ ވަކި ބަޔަކަށް މި ޕްރޮޖެކްޓު ދިނުމަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ވެސް އާންމުން ތުހުމަތު ކުރެ އެވެ.