ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވުމާއި ގުޅިގެން، މާލެ ސަރަހައްދުގެ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ހުއްޓިިފައިވާ ކަމަށާއި، މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަޟާއީ އަހަރު 2024 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ކޯޓުގެ އިމާރާތް ބާވެ އެތަނަށް މީހުން ހާޒިރުކޮށް މަސައްކަތް ނުކުރެވޭތީ މައްސަލަތައް ހުއްޓިފައިވާ ކަމަށް ވިދާޅުވީ އެވެ.

"މިހާރު ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެން ޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރުކުރާނެ، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިބޭނެ ތަނެއް ނެތްކަން ފާހަގަކުރަން. ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައި އޮތުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ ހުރިހާ ފަރާތްތައް ގުޅިގެން ހައްލެއް ހޯދައިދެންޖެހޭ ކަމެއް." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިކަމަކީ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަަމަށެވެ.

ކްރިމިނަލް ކޯޓުގެ އިތުރަށް މާލެ ސަރަހައްދުގެ އެހެން ކޯޓުތަކަށް ދިމާވެފައިވާ ދަތިތައް ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިދިޔަ އަހަރު ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގް ކޯޓުގެ އިތުރުން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތްތަކަށާއި ތަކެއްޗަށާއި ވަސީލަތްތަކަށް ގިނަ ގެއްލުންތަކެއް ލިބުނު ކަމަށެވެ. އޭގެ ތެރެއިން ފެމިލީ ކޯޓަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާކަން ފާހަގަކުރެއްވި އެވެ.