މިއަހަރުގެ ބަޖެޓުން ސިޔާސީ ހަ ޕާޓީއަކަށް 44 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައި ވަނީ 44،099،905ރ. ކަމަށެވެ.

އެ ފައިސާ ޕާޓީތަކަށް ބަހާނެ ގޮތުގެ ތަފުސީލު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މިއަހަރުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ އެމްޑީޕީ، އަދާލަތު ޕާޓީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޕީއެންސީ އެވެ. އެގޮތުން އެންމެ ގިނައިން ފައިސީ ދޫކުރަނީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ޕީޕީއެމްއަށް 10.4 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ޕީއެންސީއަށް 8 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން ރުފިޔާ، އަދާލަތު ޕާޓީއަށް 2.5 މިލިއަން އަދި އެމްޑީއޭއަށް 2.4 މިލިއަން ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

މިއަހަރު އަލަށް ފައިސާ ލިބޭ ޕާޓީއަކީ މިހާރު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އެވެ.

ފައިސާ ލިބޭ ޕާޓީތަކުގެ މެންބަރުންގެ އަދަދު

  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 52،142 މެންބަރުން
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 36،223 މެންބަރުން
  • ޖުމްހޫރީ ޕާޓީ: 18،349 މެންބަރުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 8،555 މެންބަރުން
  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 28،201 މެންބަރުން
  • އަދާލަތު ޕާޓީ: 8،796 މެންބަރުން

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕާޓީތަކަށް ފައީސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންކަމަށެވެ. އެއީ ޖުމުލަ 152،266 ޕާޓީ މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.