ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރާ ގުޅިގެން ބާއްވަން ތާވަލުކުރި ފުރަތަމަ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ 21 އަހަރުގެ އަބްދުލްވާހިދު ރިފާސް އާއި އުމުރުން 21 އަހަރުގެ ހުސައިން ފަވާޒު އާއި އުމުރުން 23 އަހަރުގެ އަހުޒަމް އެވެ. މި ތިން މީހުންނަކީ ވެސް މަނަދޫއަށް ނިސްބަތްވާ މީހުންނެވެ.

މިއަދު 9 ޖަހާއިރަށް ތަވާލުކޮށްފައި އޮތީ މަސްތުވާތަކެއްޗާ އެކު މަނަދޫން ހައްޔަރުކުރި އަބްދުލްވާހިދު ރިފާސް، 21،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުމެކެވެ. އަދި މިއަދު 11 ޖަހާއިރަށް ތާވަލުކޮށްފައި އޮތީ މާލެއިން ހައްޔަރުކުރި ހަސަން ފަވާޒް، 21،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުން ބުނީ، މި ދެ އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ، ގައިދީން ގެނައުމަށް ބޭނުންކުރާ ލޯންޗެއް ހަލާކުވެގެން މާފުށިން މާލެއަށް މީހުން ނުގެނެވޭތީ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި ލޯންޗް ހަލާކުވީ މާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ.

އަބްދުލްވާހިދު ރިފާސްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ އަޒްހަމް އާއި އަބްދުލް ވާހިދު އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ހިމެނޭ އެކަކު ކުށަށް އިއުތިރާފްވި ނަމަވެސް އޭނާގެ ނަމެއް ޕީޖީ ހާމަކުރައްވައިފައެއް ނުވެ އެވެ.