އަންނަ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ފޯމު ބަލައިގަތުން ހުކުރު ދުވަހު ކުރިއަށްދާނީ އެދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. މިފަހަރު ނަގުދު ފައިސާ ބަލައި ނުގަންނަން އެކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް
- ދިވެހި ރައްޔިތަކަށްވުން
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
- އުމުރުން 18 އަހަރުވެފައިވާ މީހަކު ކަމުގައިވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުން އޮންނާނީ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. މިފަހަރުގެ އިންތިހާބުގައި 93 ދާއިރާއަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.