ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

އެމްޑީޕީން ބުނި ގޮތުގައި އެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 25،325 މީހުންނަށް ލިބެ އެވެ.

މި ޕްރައިމަރީގެ ވޯޓުލުން 40 ދާއިރާއެއްގައި އޮންނަ އިރު، ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ފޮށިތައް 95 ރަށެއްގައި ވަނީ ބަހައްޓައިފަ އެވެ. މާލޭގެ ފޮށިތައް ބަހައްޓާފައި ވަނީ ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުގަ އެވެ.

މަޖިލިސް އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި 46 ކެންޑިޑޭޓަކަށް ވަނީ ޓިކެޓު ކަށަވަރުވެފަ އެވެ.

މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމި ނަމަވެސް ހަތް ދާއިރާއަކަށް އެއްވެސް ކެންޑިޑޭޓަކު ވާދަކުރަން ހުށަހަޅާފައެއް ނުވެ އެވެ. އެކަމަކު، އެމްޑީޕީން ބުނެފައި ވަނީ އެ ދާއިރާތަކަށް ވެސް މީހުން ހޯދާނެ ކަމަށެވެ.

ވިހި ވަނަ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގަ އެވެ.