އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައަޅެމުގެ ގަވާއިދު އިސްލާހުކޮށް ކުރިއަށްއޮތް ދިހަ ދުވަސްތެރޭ ގެޒެޓުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ގަވާއިދާ ހިލާފަށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގާ ނައްތާލުމުގެ ޕްރޮގްރާމް އިފްތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓުގެ އަސާސީ މިންގަނޑުތަކާ ގުޅިގެން، އެ ގަވާއިދު ތަންފީޒުކުރުމުގައި ސިޓީ އަދި ރަށު ކައުންސިލުތަކަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ގަވާއިދު މުރާޖާކޮށް، އަލުން ގެޒެޓުކުރުމުގެ މަސައްކަތަކަށް ކުރިން ދެ މަސްދުވަސް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ކުރިއަށް އޮތް 10 ދުވަސްތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މަގުމަތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ގިނަ ދުވަސްވެ ގަވައިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތައް ނައްތާލުމުގެ ހާއްސަ ޕްރޮގުރާމެއް މިއަދު ވަނީ ފަށާފަ އެވެ. މި ޕްރޮގްރާމް ކުރިއަށްގެންދާނީ ފުލުހުން، މާލޭ ސިޓީ ކައުންސިލް، އެޗުޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ހައުސިން މިނިސްޓްރީ، ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެންނެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެ އިދާރާތައް ހިމެނޭ ގޮތަށް 'އާބަން ޓްރެފިކް ޑީކޮންޖެސްޝަން މެނޭޖްމަންޓް ކޮމެޓީ'އެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. އެ ކޮމެޓީގެ މަޝްވަރާތަކަށް ފަހު ކުރު އަދި ދުރު ރާސްތާގައި ކުރާނެ ކަންކަން ކަނޑައަޅައި، އެ މަސައްކަތްތައް ކުރާނެ ގޮތުގެ ތާވަލެއް ވެސް ވަނީ ރާވާފަ އެވެ.
މިޕްރޮގުރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި އެގޮތުން މިއަދުގެ އެ ރަސްމިއްޔާތަކީ އެ މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.