ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނަން ފެންނަ ބޭފުޅުންގެ ލިސްޓެއް ނުދެއްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ މަގާމުތަކަށް އައްޔަނުކޮށް ކެބިނެޓަށް ގެންނަން ފެންނަ ބޭފުޅުންތަކެއްގެ ނަންތަކުގެ އެއްވެސް ނޯޓެއް ދުވަހަކު ވެސް ފޮނުވާފައި ނުވާނެކަމަށެވެ.

ޔާމީންގެ ތާއީދާއެކު ކުޑަހުވަދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ގާނޫނީ ވަކީލު އާދަމް ޝަމީމް ވެސް ވިދާޅުވީ މާފުށީ ޖަލުގައި އެމަނިކުފާނާ ބައްދަލުވިއިރު އެފަދަ އެއްވެސް އިރުޝާދެއް ދެއްވާފައިނުވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ޔާމީން އަބަދުވެސް ވިދާޅުވެފައި ވާނީ ޕާޓީގެ ސެނެޓުން ގޮތް ނިންމައި އެކަން އެމަނިކުފާނަށް ފޮނުވަންކަމަށެވެ.

ޔާމީނާއި މުއިއްޒާ މެދު އޮތް ގުޅުން ގޯސްވީ ޔާމީންގެ ސަބަބުން ކަމަށް ޕީޕީއެމް، ޕީއެންސީގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ތަކުރާރުކޮށް ޔާމީން އަންނަނީ އެ ވާހަކަތައް ދޮގު ކުރައްވަމުންނެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށްފަހު ޔާމީން ގުޅުއްވުމުން ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ފޯނު ނުނަންގަވާ ކަމަށެވެ.