ރޯދަ މަހު މަޖިލިސް އިންތިހާބު ބާއްވަން ސަރުކާރުން ބޭނުންވަނީ އެތައް ބައެއްގެ ވޯޓު ދިނުމުގެ ހައްގު ނިގުޅައިގަތުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ފަތުހުﷲ ޖަމީލްގެ ކެމްޕޭން ފެށުމަށް މިރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު ފެންނަމުން ދަނީ ރައްޔިތުންގެ އާންމު ހައްގުތައް "ނިގުޅައިގަނެ"، ހުތުމުހުތާރު ވެރިކަމެއް "އަނެއްކާ ވެސް" އަށަގަތުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

"ރޯދަ މަހު [ވޯޓުލުން ވާނީ]، ދޮށީ އުމުރުގެ ބޭފުޅުންނަށް، ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންނަށް، ދާއިމީ ބައްޔެއްގައި ބޭސްފަރުވާ ހޯދަން ޖެހިފައި ތިއްބެވި ބޭފުޅުންނަށް، ވަރަށް ބޮޑު ތަކުލީފަކަށް،" ޝާހިދު ވިދާޅުވި އެވެ.

ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކަމަށް ކަނޑައަޅައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު އަވަހަށް ތަސްދީގު ކޮށްދެއްވުމަށް ޝާހިދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ އެ ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލައިފިނަމަ، އެމްޑީޕީގެ މެޖޯރިތީ އޮތް މަޖިލީހުން އަލުން އެ ބިލް ފާސްކުރާނެ ކަމަށެވެ.

"ބިލު އިސްލާހު ކުރަން ފޮނުވިޔަސް، އަޅުގަނޑުމެން، އެމްޑީޕީން، އަނެއްކާ ވެސް، މަޖިލީހުގެ އަގުލަބިއްޔަތުން އެގޮތަށް ފާސްކުރާނަން، އޭރަށް ޖެހޭނީ ގާނޫނު އަސާސީގައި ދެން އެ އޮންނަ ތަރުތީބުގެ ތެރެއިން ބިލު ތަސްދީގު ކުރަން" ޝާހިދު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހު ބާއްވާތީ ގިނަ ބަޔަކު އަންނަނީ އެ ނިންމުން ބަދަލުކުރަން ގޮވާލަމުންނެވެ.