މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން ފުޅާކުރުމަށް އެންމެ ބޭނުންވާ އެއް ސިނާއަތްކަން ފާހަގަކުރައްވައި، މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް، ރޯދަ މަސް އައުމުގެ ކުރިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު މެންދުރުފަހު ރ. ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުވާފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މަސްވެރިންނަށް ދޭންވާ ފައިސާ ދެއްވުމަށްފަހު (ބެކް ލޮގް ސާފުކުރުމަށްފަހު) ދެން ބައްލަވާނީ، މަސްވެރިންނަށް ދޭންވާ ފައިސާ ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ޓެކްސް ބޭސް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ނުހެދި ހުރި ރިސޯޓްތައް ހަދައި، ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓަރުން އިތުރުކޮށް، ފަތުރުވެރިކަން ފުޅާވުމުން ޓީޖީއެސްޓީ އިތުރުވެ، ޓެކްސް ބޭސް ފުޅާވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެއްކަމަށެވެ. އެގޮތުން ވަރަށް ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ފާހަގަކުރާ ރަށު ޕިކަޕަކީ، ވަރަށް ގިނަ ފަސޭހަތަކެއް ލިބޭ ދުއްވާ އެއްޗެއްކަމުގައި ފާހަގަކުރައްވައި، މި އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އެއްކޮށް އުވާލާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބި އިންޖީނުލީ އުޅަނދުގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި، އުޅަނދު ބޭނުންކުރުމަށް މަގިފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.