މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައި އޮންނަތާ ގިނަ ދުވަސްވީ 158 ވެހިކަލް މަގުތަކުން ނަގައި، ނައްތާލައިފި އެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނަގާ ނައްތާލުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. މި މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމުގެ ފުރަތަމަ ބައިގައި މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ ވެހިކަލްތައް ނަގާ ނައްތާލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވި ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޕްރޮގުރާމުގެ ދަށުން މަގުމަތިން ނެގި އުޅަނދުތަކުގެ ތެރޭގައި ބައުވެ ހަލާކުވެފައިވާ ކާރާއި ޕިކަޕު ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އުޅަނދު، ފުޑުފުޑުކޮށްލުމަށްފަހު ތިލަފުއްޓަށް މިހާރު ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ބުނީ ދެން ކުރިއަށްދާނީ ވެހިކަލްތައް ނެގުމުގެ މަސައްކަތުގެ ދެވަނަ ބައި ކަމަށެވެ. ދެވަނަ ބައިގައި ނެގުމަށް ހަމަޖެހިފައި ވަނީ މާލެއާއި ހުޅުމާލޭގެ މަގުމަތީގައި ބަހައްޓާފައިހުރި ރަޖިސްޓްރީ ނުކުރާ ވެހިކަލްތައް ކަމަށެވެ. އަދި މި ވެހިކަލްތައް ނެގުމަށްފަހު، ރަޖިސްޓްރީ ކުރެވެންދެން ބިމެއް ކަނޑައަޅާ، އެ ބިމަށް ވެހިކަލް ގެންދެވޭނެ އުސޫލު ކަނޑައަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.