ދަރިމައިވުމުގެ މައްސަލަތަކާއި ގުޅިގެން ދޭ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރުކޮށް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިއަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށެވެ. އަދި އައިވީއެފްގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކާއި ރާއްޖެއިން ބޭރުން ހިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭނެކަމަށް އެންސްޕާއިން ބުނެ އެވެ.

އައިޔޫއައިގެ ހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށެވެ.

އެންސްޕާއިން ބުނީ "އައިވީއެފްގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް"އާއި "އައިޔޫއައިގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" އެ އެޖެންސީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި އާސަންދައިގެ ވެބްސައިޓާއި އާސަންދައާއި އެންސްޕާގެ ކައުންޓަރުތަކުން ވެސް ފޯމު ލިބޭނެ އެވެ.

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ އެންސްޕާގެ ކައުންޓަރުތަކަށް ފޯމު ހުށައެޅޭނެކަމަށް އެންސްޕާއިން ބުނެ އެވެ. އަދި އެ އެޖެންސީގެ އީމެއިލަށާއި ވައިބާ ނަންބަރަށް ވެސް ފޯމު ހުށައެޅޭނެކަމަށެވެ. އެންސްޕާއިން ބުނީ އާސަންދައިގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ ހަފްތާތެރޭ ހުޅުވާލާނެ ކަމަށެވެ.

އައިވީއެފްގެ ހިދުމަތައް އެދި ފޯމު ހުށައަޅާތާ ރަސްމީ 30 ދުވަހު ތެރޭގައި ހިދުމަތް ދިނުމަށް މިއަހަރަށް ކަނޑައެޅިފައިވާ އަދަދަށް ހިދުމަތް ހަމަޖެހޭ ފަރާތްތަކަށް އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެންސްޕާއިން އަންގުމަށް ވަނީހަމަޖެހިފަ އެވެ. އަދި އައިޔޫއައިގެ ހިދުމަތައް އެދި ފޯމު ހުށައަޅާތާ ރަސްމީ ފަސް ދުވަހު ތެރޭ ހުށައަޅާ ފޯމަށް ގޮތެއް ނިންމުމަށްފަހު އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އެންގޭނެ ކަމަށެވެ.

އެންސްޕާއިން ގެޒެޓް ކޮށްފައިވާ އުސޫލުގެ ދަށުން އާސަންދަ ސްކީމުން އައިޔޫއައިގެ ފަރުވާ ފޯރުކޮށްދޭނީ ތިން ފަހަރުއެވެ. އަދި އައިވީއެފްގެ ފަރުވާ ފުރިހަމަކުރުމަށް އެހީ ހަމަޖައްސައިދޭނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެގޮތުން އައިވީއެފް ފަރުވާއަށް އެދެވޭނެ މީހުންގެ ޝަރުތުތަކަކީ:

  • އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރުވެފައިވުން
  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައިވުން
  • ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރުވެފައިވުން
  • ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝިލިސްޓަކު ލަފާދީފައިވުން
  • ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން
  • ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން
  • ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުން
  • ދެމަފިރިން ކުރެ އެއްވެސް މީހަކީ ޖިނާއީ ކުށެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން
  • އައިވީއެފްގެ ސްކީމުން މީގެ ކުރިން އެހީ ލިބިފައިވާ މީހަކަށް ނުވުމާއި، އައިވީއެފްގެ ތިން ބުރު ހަމަވެފައިވާ މީހަކަށް ނުވުން

އުސޫލުގައި ވާގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގައި، އެ ހިދުމަތަށް އެ އަހަރެއްގައި ހަރަދުވާނެ މިންވަރު ސްކީމް ބޯޑުން ހިމަނަންވާނެ އެވެ. އެ ބަޖެޓަށް ރިއާޔަތްކޮށް އެހީ ފޯރުކޮށްދޭނެ މީހުންގެ އަދަދާއި އެހީއަށް އެދި ހުށަހަޅަން ހުޅުވާލާ މުއްދަތު ކަނޑައަޅާނީ ވެސް ސްކީމް ބޯޑުންނެވެ.

ކޮންމެ އަހަރެއްގައި ވެސް އެ އެހީ ފޯރުކޮށްދޭނެ މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން، ފޯމު ހުށަހަޅާ މީހުންގެ ފޯމުތަކަށް ބެލުމަށް ފަހު، އުސޫލުގައިވާ ޝަރުތުތަކާއި، ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެ އެންމެ މަތިން ޕޮއިންޓު ލިބޭ މީހުންނަށެވެ. މިގޮތަށް ޕޮއިންޓު ދިނުމުގައި ދެމަފިރިންގެ އުމުރާއި ކައިވެނީގެ މުއްދަތުގެ އިތުރުން އާންމުދަނީ ލިބޭ މިންވަރަށް ވެސް ސްކީމް ބޯޑުން ރިއާޔަތް ކުރަންޖެހެ އެވެ.