އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ބިންގާ އެޅިފަހުން، ކުރެހުމަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް މަޑުޖެހިފައިވަނިކޮށް، މި ސަރުކާރުން ވަނީ އެ ސްކޫލް އެޅުމަށް ކުރިން ހަމަޖެއްސި ބިން ބަދަލުކޮށް، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.
ޕީއެސްއެމް ނިއުސްއަށް މިނިސްޓަރު ވިދާޅުވީ އެ ސުކޫލްގެ އާ އިމާރާތުގެ ކުރެހުމަށް ބަދަލުތަކެއް ގެނައުމަށް ނިންމި ނަމަވެސް، މުޅި ޑިޒައިނަށް މާ ބޮޑެތި ބަދަލުތަކެއް ނާންނާނެ ކަމަށެވެ. ނަމަވެސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން ސާވޭ ކުރިއިރު ބިމުގައި ލޭންޑް ފިލްކުރަން ނުވަތަ ޝީޓްޕައިލް ކުރަން ޖެހޭނެކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް މިހާރު ކުރަމުންދަނީ ކުރިން އެ އުމާރާތް އަޅަން ނިންމި ބިމުގައި ނޫންކަމުން، އިތުރަށް ކުރަންޖެހޭ ސާވޭތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އަންޑަ ގްރުއުންޑް ޕާކިންއަކާއެކު ހަދާއިރު އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ވެސް ޑރ. ޝަފީއު ފާހަގަކުރެއްވި އެވެ.
"އަންޑަ ގްރައުންޑް ޕާކިންއެއްލާފައި މިހާރު ހަދާފައި އިންނާނީ. މި ޑިޒައިނަށް ބަދަލެކޭ މި ދެންނެވީ ސްކޫލެއްގެ ތެރޭގައި ހުންނަންޖެހޭ ކޮމްޕޯނެންޓެއް މަދެއް ނުވާނެ. ކޮންސެޕްޓަށް މާ ބޮޑު ބަދަލެއް ނާންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރެހުމަށް މިގެންނަ ބަދަލާއެކު އިމާރާތުގެ މަސައްކަތުގެ އަގަށް އަންނަ ބަދަލެއް އެޑިއުކޭޝަން މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ޢަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތް ހަދަން އެންމެ ފުރަތަމަ ނިންމީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލައި ބިން ހުސްކުރި އެވެ. ނަމަވެސް ކުރީ ސަރުކާރުގައި އެތަނުގައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެން ގޮސްފައެއް ނުވެ އެވެ.
މި ސަރުކާރުން ނިންމީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ކުރީގެ ކުނިކޮށި ހުރި ބިން 381 ނަންބަރު ކޮށިގައި ހެދުމަށެވެ.
އެގޮތުން އެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ކުރީ ސަރުކާރުން ޢަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ނިންމާފައިވަނީ ހަ ފަންގިފިލާއަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ މަޝްރޫއުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް 10 ފަންގިފިލާއަށް އެޅުމަށް ނިންމާފަ އެވެ. މިތަނުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ދެ އަހަރު ދުވަހުން މި ސްކޫލުގެ މަސައްކަތް ނިންމާލުމެވެ.