ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރްޖުން ކަޕޫރަކީ ކެންސަރު ބައްޔާ މެދު މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރާ މީހެކެވެ. މި އަހަރުގެ ލޯބިވެރިންގެ ދުވަސް ބޯމަތިވެފައިވާއިރު އަރްޖުން މިވަނީ ތަފާތު ކަމެއް ކުރަން ނިންމާފަ އެވެ.

އެގޮތުން ކެންސަރު ޕޭޝަންޓްސް އެއިޑް އެސޯސިއޭޝަނާ ގުޅިގެން ކެންސަރާ ހަނގުރާމަ ކުރަމުންދާ 100 ދެމަފިރިއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ ނިންމާފަ އެވެ. އަރްޖުންގެ މަންމަ މަރުވެފައިވަނީ ކެންސަރު ބަލީގައިކަމުން އޭނާ ދަނީ އެ ބައްޔާ މެދު މީހުން ހޭލުންތެރިވުމުގެ މަސައްކަތާއެކު ބަލި ޖެހިފައި ތިބޭ މީހުންނަށް އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

"މި ޕެންޑެމިކާއެކު އަހަރެމެންނަށް ދަސްވި އެންމެ މުހިއްމު އެއް ކަމަކީ އެކަކު އަނެކަކު ދެކެ ލޯބިވެ، އެކަކު އަނެކަކަށް އެހީވުމުގެ މުހިއްމުކަން. އަހަރެމެން އެންމެން ވެސް މިވަނީ ލޯބިވެރިންގެ ދުވަސް ފާހަގަކުރުމަށް ތައްޔާރުވެފައި. އެހެން ނަމަވެސް މިފަހަރު އަހަރެންގެ ހިތަށް އެރީ ތަފާތު ކަމެއް ކޮށްލަން،" އަރްޖުން ބުންޏެވެ.

"އަހަރެން މިވަނީ ކެންސާ ޕޭޝަންޓްސް އެއިޑް އެސޯސިއޭޝަން އާއި ގުޅިގެން ކެންސަރުގެ އަސަރުކޮށްފައިވާ 100 ދެމަފިރިއަކަށް އެހީވުމަށް ނިންމާފައި. މި އެހީގެ ދަށުން ދެމަފިރިންގެ ތެރެއިން ކެންސަރަށް ފަރުވާ ހޯދަމުންދާ މީހާއާއި، ކޮންމެ ފިޔަވަޅެއްގައި އޭނާއަށް ސަޕޯޓުކުރާ މީހާވެސް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ހަމަޖެހިފައި."

މީގެ އިތުރުން ވެސް އަރްޖުން ވަނީ މި ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ވީ ވަރަކުން އެހީތެރިވުމަށް އެހެން މީހުންނަށް ގޮވާލާފަ އެވެ.