ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިގެން ދެވަނަ މީހަކު މަރުވެއްޖެ އެވެ. އުމުރުން 59 އަހަރުގެ މިއަންހެން މީހާއަކީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 58 ވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އައިޖީއެމްއެޗްގެ ރޭ ދަންވަރު 3:17 ގައި އައިޖީއެމްއެޗް އީއާރުއަށް ގެނެވުނުއިރުވެސް އެމީހާގެ ހަރަކާތް ވަނީ ހުއްޓިފަ އެވެ. އަދި 3:46 ގައި އެ މީހާ މަރުވި ކަމަށް ކަނޑައެޅި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި މިއީ ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ. ރޭ އިރާކޮޅުގެ ވަގުތެއްގައި އައިޖީއެމްއެޗް އީއާރަށް ގެންދިޔަ 78 އަހަރުގެ އަންހެން މީހަކު ވެސް ވަނީ މަރުވި ފަހުން ކުރެވުނު ކޮވިޑް ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިފަހަރުގެ މަރާއެކު މިމަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ ހަޔަކަށް އަރާފަ އެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 84 އަހަރުގެ ފިރިހެނަކާއި، އުމުރުން 60 އަހަރުގެ އަންހެނަކާއި، އުމުރުން 77 އަހަރުގެ ފިރިހެނަކާއި، އުމުރުން 78 އަހަރުގެ އަންހެނެއްގެ އިތުރުން ރޭ މަރުވި 58 އަހަރުގެ އަންހެން މީހާ އެވެ.

މިއަހަރު ފެށުނު އިރާ ބަލާއިރު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އެތައް ގުނައެއް މިހާރުވަނީ އިތުރުވެފަ އެވެ. އަދި ހޮސްޕިޓަލުގެ އެނދުތައް ފުރެމުން އަންނައިރު ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރުވެދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ.