ވަޒީފާ އުފެއްދޭނީ އިގްތިސޯދީ މަސައްކަތްތައް ގިނަވެގެން ކަމަށާއި ސަރުކާރުގެ އިސް ފަރާތްތަކުގެ އާއިލާތަކަށް ވަޒީފާތައް ބަހައިގެން އެކަން ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އުފެއްދެވުމަށް މަސައްކަތް ކުރަމުން އަންނަ ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ފެނިގެން ދަނީ މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިއްބަވާ ފަރާތްތަކަށް މުސާރަ ދިނުމުގައި ބޮޑު ޚަރަދެއް ކުރައްވާފައިވާ ކަން ކަމަށެވެ. އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައިކަމަަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ކޮންމެ އަހަރަކަށް 10 ރިސޯޓް ޓާގެޓްކޮށް ފަސް އަހަރު ނިމުނުއިރު 50 އާ ރިސޯޓް ތަރައްގީކުރަން ފެށުނު ކަމަށާއި 20 ރިސޯޓްގެ މަސައްކަތް ނިމެން ގާތްވެފައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިސޯޓްތައް ހުޅުވުމުން އެ ރިސޯޓްތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުންގެ ގޮތުގައި ދިވެހިންނަށް ވަނީ ފުރުސަތުތަކެއް އޭރު ދެވިފައިވާ ކަމަށާއި ވަޒީފާ އުފައްދަން ޖެހެނީ އެގޮތަށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"ކޮންމެ އަހަރަކަށް އެވެރެޖްކޮށް ދިހަ ރިސޯޓް އެއީ އަޅުގަނޑުމެންގެ ޓާގެޓް. ހަގީގަތުގައި ނިމިގެންދިޔަ އިރު ފަންސާސް އާ ރިސޯޓްގެ މަސައްކަތް ފެށި 20 ރިސޯޓް ނިމެން ކައިރިވެފައި އޮތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެކަން ކުރެއްވީ އެއްވެސް ހާލަތެއްގައި ސަރުކާރަށް ޓެކްސް ވައްދާކަށް ނޫން ކަމަށާއި އެކަން ކުރެއްވީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލަދިނުމަށް ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތުތައް ހުޅުވާލާނެ ކަމަށް ބުނަމުން އައި ސަރުކާރުން، އެބޭފުޅުންގެ އާއިލީ ފަރާތްތަކަށް ވަޒީފާތައް ދެމުންގެންދާތީ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ.