މިދިޔަ 8 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި 230 އަށް ވުރެ ގިނަ ވެހިކަލް ފުލުހުން ޓޯކޮށްފި އެވެ.
އާއްމުންނަށް އުނދަގޫވާ ގޮތަށް ޕާކުރާ ވެހިކަލްތައް ފުލުހުން ޓޯކުރަން ފަށާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ޖުމްލަ 235 އުޅަނދު ވަނީ ޓޯކޮށްފަ އެވެ.
ފުލުހުން ބުނީ އެފަދަ ވެހިކަލްތައް ނަގަން ނިންމީ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިތަކާ ގުޅޭ ޝަކުވާތައް ހައްލުކުރުމަށް ކަމަށެވެ.
ފުލުހުން ބުނީ މި މަސައްކަތުގައި އިސްކަންދެނީ ސްކޫލްތަކާއި އާއްމު ޚިދުމަތްތައް ހޯދުމަށް ދާ ސަރަޙައްދުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމަށް ކަމަށެވެ.
މިމަސައްކަތުގެ ތެރެއިން އެންމެ ގިނަ އުޅަނދު ނަގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު 60 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިއުޅަނދުތައް ނަގާފައިވަނީ މާފަންނު ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލް ވަށައިގެންވާ މަގުތަކުންނެވެ.