ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ އެންމެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކުރަމް އަބްދުލް ޣަނީ އަކީ ސީރިއާ އަށް ހަނގުރާމަ އަށް ދާން ތައްޔާރުވެގެން ތިބި ބައެއް ކަމަށް ސިފަވާ ގޮތަށް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ކުރި ޓުވީޓާކާ ގުޅިގެން، އެ ދެ ކުޅުންތެރިންގެ ދިފާއުގައި ފުޓްބޯޅައިގެ އާއިލާ އާއި ސަޕޯޓަރުން ސޯޝަލް މީޑިއާގައި ތެދުވެއްޖެ އެވެ.
ސޫސަން އިބްރާހިމް އިިއްޔެ ކުރި ޓުވީޓެއްގައި ދަގަނޑޭ އާއި އަކުރަމް ހިމެނޭ ފޮޓޯއެއް ޝެއާކޮށް، އެ ދެ ކުޅުންތެރިންނަށް ރައްދުވާ ގޮތަށް އޭނާ ބުނެފައިވަނި "ސީރިއާ އަށް ޖިހާދަށްދާން ތައްޔާރުުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަލަން މިހާރު ދާނެތޯ،" އޭނާގެ ރައްޓެއްސެއް އޭނާ ގާތު ސުވާލުކުރި ކަމަށެވެ.
"ޓީމު ބަލިވެއްޖެއްޔާ ދަނޑު ވެސް ގޮއްވާލަފާނެޔޯ. ކާކުހޯ ދެން ސިިޑިބަރީގައި (މެޗު) ބަލަން އިންނާނީ،" ސޫސަން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
މި ޓުވީޓް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ފުޓްބޯޅައިގެ އާއިލާ އިން އަދި މި ދެ ކުޅުންތެރިންގެ ސަޕޯޓަރުން ވެސް ސޯޝަލް މީޑިއާގައި ސޫސަން އަށް ފާޑުކިޔައި، ދެ ކުޅުންތެރިންގެ ދިފާއުގައި ތެދުވެފަ އެވެ.
ކުޅިވަަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ސޯޝަލް މީޑިއާގައި ވިދާޅުވީ ތުނބުޅި ލާފައި ނުވަތަ ބުރުގާ އަޅޭ އެންމެންނަކީ "ހައްދުފަހަނައަޅާފައި ބައެއްކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭ،" ކަމަށެވެ. އަދި ހިޔާލު ތަފާތުވިޔަސް، އެއް ބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށް މަހްލޫފު ވިދާޅުވި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އިން ރެކްރިއޭޝަން އިންކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ "އަކުރަމް އާއި އަޝްފާގަކީ ގައުމީ ދެ ބަތަލުން" ކަމަށާއި އެ ދެ ކުޅުންތެރިންގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން ފުުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެފްއޭއެމް އިން ބުނީ މިއީ "މި ކުޑަކުޑަ މުޖުތަމައުގައި ފިތުނަފަސާދަ އާއި ބިރުވެރިކަން އުފެދޭފަދަ ނޭދެވާ ވާހަކަތަކެއް" ކަމަށެވެ. އަދި މިއީ އާދައިގެ ކަމެއްްގެ ގޮތުގައި ނުބަލާ، ކަމާބެހޭ އިދާރާތަކުން މިކަން ތަހުގީގްކުރުމަށް އެފްއޭއެމް އިން ވަނީ ގޮވާލައިފަ އެވެ.