އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު އެފަދައިން ވިދާޅުވީ އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މާދަމާ މެންދުރުފަހު 3:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް އަސާސެއްނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައިވެސް އަޅުގަނޑުމެން ދުށް އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށެވެ.

ފުލުހުން ފައްޔާޒަށް މިއަދު ފޮނުވި ޗިޓްގައިވާގޮތުން ފައްޔާޒް ހާޒިރުކުރަނީ އާރުޑީސީގެ ހިޔާނާތުގެ ފައިސާއިން އޭނާއަށް މާލީ މަންފާއެއް ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

މިކަމާ ގުޅިގެން އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. މީކޭ ވިދާޅުވީ އާރްޑީސީގެ ފައިސާ ލިބިފައި ވަނީ އޭނާއަށް ކަމަށް ބުނަމުން ދިޔުމަށްފަހު އޭނާއަށް އެއްވެސް ތުހުމަތެއް ނުކޮށް، އެ ތުހުމަތު ފައްޔާޒަށް ކުރުމަކީ "މަޖާ" ކަމެއް ކަމަށެވެ.